މ. ނަލަހިޔާމަންޒިލުގައި އިމާރަތްކުރުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެތަނުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހި ހަތް އަހަރުގެ ކުޑަ ކުއްޖެއް ނިޔާވެފައިވާއިރު، އެ ހާދިސާ ހިނގަން މެދުވެރިވީ ގޯނި މައްޗަށް ނަގަނިކޮށް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް އެ މަސައްކަތް ކުރަމުން ދިޔަ ކުންފުނިން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ މަސައްކަތް ކުރި ކުންފުނި ކަމަށްވާ ޑަބްލިއު ކޮންސްޓްރަކްޝަން އިން ބުނެފައި ވަނީ، ގޯނި ވެއްޓިފައި ވަނީ ވިންޗު ކެރޭނެއް ބޭނުން ކޮށްގެން ގޯނި ނަގަނިކޮށް ކަމަށާއި، އެވަގުތު ގޯނި ފަޅައިގެން ދިޔައީ 5 ވަނަ ބުރީގައި ހުރި ސޭފްޓީ ދަގަނޑެއްގައި ޖެހިފައި ކަމަށެވެ. އަދި އެވަގުތު ދިވެހި ސުޕަވައިޒަރެއް ސައިޓުގައި ނެތް ކަމަށް ވެސް ކުންފުނިން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވާފައި ވެއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަން އިން އިތުރަށް ބުނެފައި ވަނީ، އެ ހިތާމަވެރި ހާދިސާގެ ސަބަބުން ކުންފުނީގެ ފަރާތުން އާއިލާއަށް ފުރިހަމަ އެހީތެރިކަން ދީފައިވާނެ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުންފުނިން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ހާދިސާގައި އަނިޔާވި ކުއްޖާ ނިޔާވެފައިވާއިރު، އެ މައްސަލާގައި އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ޑަބްލިއު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ހިފަހައްޓައި، އެ ކުންފުނީގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ވަނީ ހުއްޓުވާފައެވެ.
އެ ހާދިސާގައި ނިޔާވި ކުއްޖާގެ ހަށިގަނޑު ހޯމަ ދުވަހު ވަނީ އޭނާގެ ޤައުމަށް ފޮނުވާފައެވެ. މި ހާދިސާގައި އެ ސަރަހައްދުގައި މަސައްކަތްކުރި ފަރާތްތަކުގެ ބޮޑެތި އިހްމާލުތައް ފާހަގަކުރެވިފައިވާ އިރު ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ ތަނުގައި ބޯޑު ބޭނުންކޮށްފައި ވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި މައްޗަށް އެއްޗެއް އަރުވާ ނަމަ އޭގެ ދަށުން މީހުންނަށް ނުހިނގޭ ގޮތަށް ބަންދުކުރަން އޮންނަ އިރު އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.