މީގެ ހަ އަހަރު ކުރިން ޕާކިސްތާނުން ހައްޔަރު ކޮށްފައިވާ އިންޑިއާގެ ސޮފްޓްވެއާ އިންޖީނިއަރ ހާމިދު ނިހާލް އަންސާރީ މިނިވަންވެއްޖެއެވެ.
މިނިވަންވުމަށް ފަހު އަންސާރީ އިންޑިއާއަށް އެނބުރި އައިސްފައިވަނީ ވަގަހް ބޯޑަރު ހުރަސް ކޮށެވެ. އިންޑިއާއަށް އެތެރެވުމާއެކު އަންސާރީ ވަނީ ޝުކުރުގެ ސަޖިދައެއް ޖަހާފައިއެވެ.
އަންސާރީއާއި ބައްދަލު ކުރަން ގޮސް ތިބި އޭނާގެ މަންމަ އާއި ބައްޕަ ފެނުމުން އަންސާރީ އަށް ވަނީ އުފަލުން ގޮސް ރޮވިފައެވެ.
އަންސާރީގެ އާއިލާ މެމްބަރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސްވަރާޖް އާއި މިއަދު ބައްދަލު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ހަ އަހަރު ކުރިން، 2012 ވަނަ އަހަރު ޕާކިސްތާނުން އޭނާ ހައްޔަރު ކޮށްފައިވަނީ ގަވާއިދާ ހިލާފަށް އެ ގައުމަށް އެތެރެވި ކަމުގެ ތުހުމަތުގައިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންސާރީ ޕާކިސްތާނަށް ގޮސްފައިވަނީ އޮންލައިނުން ދިމަވީ އަންހެން ކުއްޖަކާ ބައްދަލު ކުރާށެވެ. އުމުރުން 33 އަހަރުގެ އަންސާރީ ޕާކިސްތާނަށް އެތެރެވެފައި ވަނީ އަފްޣާނިސްތާނު ހުރަސްކޮށެވެ.
ޕާކިސްތާނުގެ އިންޓެލިޖެންސް އޭޖެންސީއިންއިން އޭނާ ހައްޔަރުކޮށް ތިން އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ އިންޑިއާއަށް ޖާސޫސް ކުރި ކަމުގެ ތުހުމަތެވެ. އެގޮތުން އޭނާ އަތުން ފޭކު ޕާކިސްތާނުގެ އައިޑެންޓެޓީ ކާޑެއް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންސާރީގެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަންސާރި ދޫކޮށްލާފައިވާ މިވަނީ އިންޑިއާއި ޕާކިސްތާނާއި ދެ ގައުމު ދެމެދު ގިނަ ދުވަސް ތަކެއް ވަންދެން މަޝްވަރާކުރުމަށް ފަހުއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ ހަތަރު ސަތޭހައެެއްހާ މީހުން އަދިވެސް އެބަ ތިއްބެވެ.