ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ޕާޓީގެ މަޖިލިސް ތިން މެމްބަރަކު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
ޕާޓީ ބަދަލުކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނޭ ވިޖިތް ވިޔަމުނީ ސޮއިސާ ޕާލިމަންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވީ ޕާޓީއާއި ގައުމު އުނދަގޫ ހާލަތަކަށް ގެންގޮސްފައި ވާތީ ކަމަށެވެ. މި ތިން މެމްބަރުން ގުޅުމާއި އެކު މިހާރު ޕާލިމަންޓުގައި ރަނިލްއަށް ތާއީދުކުރާ 120 މެމްބަރުން ތިއްބަވާނެއެވެ.
ރަނިލްގެ ޕާޓީގެ މެމްބަރުންނާއި އިދިކޮޅުގެ އިތުރު މެމްބަރުންތަކެއް ސިރިސޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަން ކުރަން ޕާލިމަންޓުގެ 2/3 ވޯޓު ބޭނުންވުމާއި ގުޅިގެން ސިރިސޭނާ މަގާމުން ދުރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
މިދިޔަ ހަފްތާގައި ލަންކާގެ ސުޕްރީމް ކޯޓުން ވަނީ ޕާލިމަންޓުގެ ދައުރު ހަމަވުމުގެ ކުރިން ޕާލިމަންޓު އުވާލަން ސިރިސޭނާ ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ނިންމާފައެވެ. ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމީ ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެންނެވެ.
ސްރީ ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވާން މެދުވެރިވީ، ރައީސް ސިރިސޭނާ ކުއްލި ގޮތަކަށް އޭރު ބޮޑުވަޒީރުގެ މަގާމުގައި ހުރި ރަނިލް ވަކިކުރުމަށް ފަހު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ މަގާމަށް އައްޔަން ކުރަން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ރާޖަޕަކްސައަށް ޕާލިމަންޓުގައި އަޣުލަބިއްޔަތު ނުލިބުމާއި ގުޅިގެން އެމަނިކުފާނު ވަނީ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.