އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ވާދަ ކުރުމަށް، ޕީޕީއެމްގެ އިތުރު 13 މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ދީފިއެވެ.
އަންގާރަ ދުވަހު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ މެމްބަރުންތަކަށް ޓިކެޓް ދެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕްރައިމަރީއަކީ ހައްލެއް ނޫން ކަމަށެވެ. ޕްރައިމަރީއެއްގެ ސަބަބުން ޕާޓީގައި ކުރިން މަސައްކަތްކުރި ވަފާތެރި މެންބަރުންނަށް ވެސް ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވިއެވެ. އަދި މި މެންބަރުންނަކީ އެމަނިކުފާނުގެ ތާއީދު އޮންނާނެ ކެންޑިޑޭޓުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތ. ވިލުފުށީ ދާއިރާއަށް އެ ޕާޓީން ކުރިމަތިނުލާނެ ކަމަށާއި، ތާއީދުކުރައްވާނީ މިހާރު ވެސް ވިލުފުށީ ދާއިރާގައި ހުންނެވި މަޖިލިސް މެމްބަރު ރިޔާޒު ރަޝީދަށް ކަމަށް އެ ބައްދަލުވުމުގައި ޔާމީން ވަނީ ވިދާޅުވެފައެވެ. ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ރިޔާޒްއަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޕީޕީއެމް އިން އިތުރު 13 މެމްބަރަކަށް ޓިކެޓް ދެއްވާފައިވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވާއިރު، ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގެއްލިދާނެ ކަމުގެ ބިރަށް، އެމަނިކުފާނުގެ ތާއީދާ އެކު އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ.