އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އަނަގާރު ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސިވިލާތުން އަބަދު ވެސް ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމަނިކުފާނުވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ހާމަކުރައްވައިފައެވެ. މީގެ އިތުރުން ދެ ޤައުމަށް ވެސް ފައިދާކުރާނެ ކަންކަން ހިމެނޭ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވައި، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާ މެދު ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް އެޤައުމުން ނިންމަވާފައިވާ ނިންމެވުމަށް މަރުޙަބާ ވިދާޅުވެ އިނގިރޭސިވިލާތުން ރާއްޖޭގެ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ދިނުމުގައި އިތުރު ލުއިތައް ދިނުމަށް ވޭތުވެ ދިޔަ އަހަރުތަކުގައި ކޮށްދެއްވާފައިވާ މަސައްކަތް ތަކަށް ޝުކުރުއަދާކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ނައިބު ރައީސްކަމުގެ މަޤާމަށް ފައިސަލް ނަސީމު ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އަދި ދިވެހިރާއްޖޭން ކޮމަންވެލްތާއި އަލުން ގުޅުމަށް ނިންމާފައިވާތީ އެކަމަށްވެސް މަރުޙަބާ ވިދާޅުވިއެވެ. މީގެއިތުރުން އިނގިރޭސި ސަފީރު ވަނީ ސަރުކާރުގެ 100 ދުވަހުގެ ޕޮރޮގުރާމްގެ މަސައްކަތްތައް ފާހަގަކުރައްވައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރައްވާފައެވެ.