މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ދީފައިވާ ހުއްދައިގެ ދަށުން 3333 މެމްބަރުން ހަމަކޮށް އިލެކްޝަންސް ކަމިޝަން (އީސީ)އަށް ހުށައަޅައިފިއެވެ.
އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާރޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ތިންމަސް ދުވަހުގެ ތެރޭގައި ތިންހާސް މީހުން ހަމަކުރަންޖެހެއެވެ. އަދި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
Alhamdhulillahi!
— Maldives Third-Way Democrats (@MTDSecretariat) December 18, 2018
Maldives Third-Way Democrats Party ge faraathun furathama 3,333 membership form @ElectionsMv ah husha alhaifi. #AaHiyaalu pic.twitter.com/BcO0Ukly1U
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭއެވެ.
އިލެކްޝަނަށް ތިން ހާސް މެމްބަރުން ހަމަކޮށް ހުށަހެޅުމުން އިލެކަޝްނުން ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދައެއް ދޭން ޖެހޭނެއެވެ. އިލެކްޝަނުން މޮނީޓާ ކުރާ މި ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި ބައެއް މުހިއްމު އަސާސްތައް ފާސްކުރަން ޖެހޭނެއެވެ.
އެމްޓީޑީ ރެޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާއިރު، އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބެވެ.
އެމްޓީޑީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާއިރު ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގެއްލިދާނެ ކަމުގެ ބިރަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. އެ ޕާޓީ އުފެއްދުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އަދި ދީފައި ނުވާއިރު، ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދާދި ފަހުން ވަނީ ދީފައެވެ. އަދި އުފެއްދުމަށް ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ(ލޭބާ ޕާޓީ)އިން ވަނީ ޕާޓީ ރެޖިސްޓަރ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.