ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖެހިއްޖެއްޔާ އެކަން ކުރަން ޖުމްހޫރީ ޕާޓީއަށް ވެސް ކެރޭނެ ކަމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާާއިރު، ގާސިމް ވިދާޅުވީ ޖޭޕީ މަޑުމަޑުން އޮތީ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނުކެރިގެން ނޫން ކަމަށާއި، ޕާޓީގެ ބައެއް މެމްބަރުންވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަން ގޮވާލަމުންދާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ގާސިމް ވިދާޅުވީ 87 ދާއިރާ އަށް ނިކުންނަން ޖެހިއްޖެއްޔާ އެ ދާއިރާތަކަށް ނިކުންނަން ޖޭޕީ އޮތީ ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް ޖޭޕީން ވާދަނުކޮށް މަޑުކޮށްގެން ތިބީ ކޯލިޝަނުންގެ ވިސްނުމާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.
ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމާ ހަވާލުވިތާ އެއް މަސް ފުރުނު ދުވަހާ ދިމާކޮށް ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ޖޭޕީގެ ކެތްތެރިކަމަށްވެސް ނިމުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ވަނީ ދާދި ފަހުން މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ވާދަކުރަން ނިންމާފައެވެ. މިގޮތަށް އެމްޑީޕީން ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ފާސްކުރި ގަރާރަކާއެކުގައެވެ.
އެމްޑީޕީގެ މި ނިންމުމާއެކު، ކޯލިޝަން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ބޭފުޅުން ގެންދަވަނީ އެމްޑީޕީ އަށް ފާޑު ވިދާޅުވަމުންނެވެ. އެހެންނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މަޖްލީހުގެ އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ކޯލިޝަންގެ މެދުގައި ހެދިފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.