ފަލަސްތީނުގެ ރައްޔިތުންނަށް 2019 ވަނައަހަރަށް ބޭނުންވާ އެހީ ދިނުމަށް 350 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް އދ އާއި ފަލަސްތީނުން އެދިއްޖެއެވެ.
މިއީ އެމެރިކާއިން ފަލަސްތީނަށް ދެމުންދާ މައިގަނޑު އެހީތެރިކަން ކަނޑާލުމުން އެ ގައުމަށް ބޭނުންވާ އެހީތެރިކަމެއްކަމަށް އދ އާއި ފަލަސްތީނުންބުނެއެވެ. އަދި މިއީ އެހީ ބޭނުންވާ ހަގީގީ މިންވަރަށްވުރެ މަދު އަދަދެއްކަމަށްވެސް އެ ގައުމުންވަނީ ބުނެފައެވެ.
އދން ބުނީ 2018 ވަނަ އަހަރު 539 މިލިއަން އެމެރިކާ ޑޮލަރަށް އެދުނުއިރު މި އަދަދު ދަށްކުރީ ފަލަސްތީނުގެ 1.4 މިލިއަން މީހުންނަށް ބޭނުންވާ އެހީ 200 އަށްވުރެ ގިނަ ޕްރޮޖެކްޓްގެ ތެރެއިން އެހީދޭ ފަރާތްތައް މަދުވުމުންކަމަށެވެ.
އެެމެރިކާއިން މި އަހަރުގެ ކުރީކޮޅުވަނީ ގާތްގަނޑަކަށް އެ ގައުމުން ފަލަސްތީނަށް މީގެ ކުރިން ފޯރުކޮށްދެމުންދިޔަ ހުރިހާ އެހީއެއް ކަނޑާލާފައެވެ. ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދގެ އިދާރާ ޔުނައިޓެޑް ނޭޝަން ރިލީފް އެންޑް ވާރކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) ފަދަ ޖަމާއަތްތައް އަދި އެހެނިހެން ގޮތްތައް މެދުވެރިކޮށް އެމެރިކާއިން ދިޔައީ އަހަރަކު ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދެމުންނެވެ.
ޔޫއެންއާރްޑަބްލިއުއޭއިން ގެންދިޔައީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެމުންދާ ފަލަސްތީނުގެ ފަސް މިލިއަނެއްްހާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޔޫއެންއާރްޑަބްލިޔުއޭއަކީ 1948 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމާގައި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާއި ގުޅިގެން ފަލަސްތީނު ދޫކޮށް ހިޖުރަކުރި ހަތްލައްކަ އަށް ވުރެ ގިނަ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1949 ވަނަ އަހަރު ވުޖޫދުވި ރިލީފް އޭޖެންސީއެކެވެ.
އދ. ގެ ރިލީފް އޭޖެންސީ އިން ފަލަސްތީނުގެ ފަސް މިލިއަނެއްހާ ރައްޔިތުންނަށް ތައުލީމާއި، ސިއްހީ ޚިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭއިރު، އެ އޭޖެންސީގެ ހަރަކާތްތައް އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި، ސީރިއާ، ލުބުނާން އަދި އުރުދުންގައި ކުރިއަށް ގެންދެއެވެ.