އިމާރާތް ކުރުމުގެ ދާއިރާގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން އުޅޭ ކަމަށާއި، މިކަން ހުއްޓުވަން ޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފިއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސީ އެކްޒެކްޓިވް ބޯޑުގެ މެންބަރު މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރަނީ ހަމައެކަނި މަސީގެ މެންބަރުން ނޫން ކަމަށާއި، ބައިވަރު ކޮންޓްރެކްޓަރުން އުޅޭ ކަމަށެވެ. ޚާއްސަކޮށް ގިނަ ބަގްލަދޭޝަން މީހުން މިދާއިރާގައި މަސައްކަތް ކުރާ ކަމަށާއި، ކޮންސްޓަރަކްޝަން ގްރޫޕްތައް ހަދައިގެން މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ރަށްރަށުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތުގައި ގަވާއިދާ ހިލާފަށް އުޅޭ ބޭރު މީހުން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖަނާހު ވިދާޅުވީ އިމާރާތުގެ މަސައްކަތް ކުރަނީ ކޮންބައެއްތޯއާ، ލައިސެންސް ނަގާތޯ ބަލަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތްތެރިންނާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން މިކަމަށް ފިޔަވަޅު އަޅައި ހައްލު ހޯދަންޖެހޭ ކަމަށެވެ.
"މިހުރިހާ ކަމެއްގެ އަޑީގައި މިއޮންނަނީ ކޮރަޕްޝަން. ވަރަށް ސާފުކޮށް މިދަންނަވަނީ ކޮރަޕްޝަން މިކަންތައްތަކުގެ ތެރެއިން ނައްތާލެވިގެން އެކަންތައްތައް ޓްރާންސްޕޭރެންސީކޮށް ކުރިއަށް ގެންދެވޭނީ. ރާއްޖޭގައި މިކަންކަން ރަނގަޅު ނުކުރެވިގެން މިއުޅެނީ އެކަމާ ހުރެ. އެއީ އަޅުގަނޑުމެން އެޑްރެސް ކުރަންޖެހޭ ކަމެއް." ޖަނާހު ވިދާޅުވިއެވެ.
ޖަނާހު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މަސީގެ މެންބަރު މަސައްކަތްތައް ކުރިއަށް ގެންދަނީ ގަވާއިދާއެއް ގޮތަށް ކަމަށެވެ. އަދި މިހާތަނަށް ކުންފުންޏެއް މައްސަލައިގެ ރިޕޯޓު ލިބިފައިނުވާ ކަމަށެވެ.