މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓެރެޖީކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ޕޮލިސް އިން ރިފޯރމްގެ މަސައްކަތް އެގްޒެކްޓިވް ލެވެލްގައި އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ.
ހަމީދު ވިދާޅުވީ މި މަސައްކަތް ކުރައްވާއިރު ހަމައެކަނި ފުލުހުންގެ މުއައްސަސާއަށް ފުލުހުންގެ މަސައްކަތަށް ގެންނަންޖެހޭ ތަރައްގީ އާއި ބަދަލްތައް އެގިވަޑައިނުގަންނަވާތީ، މި ކަމުގައި އެންމެންގެ ހިއްސާ އޮވެގެން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރައްވަން ގަސްތުކުރައްވާ ކަމަށެވެ.
"މި މަސައްކަތް ކުރުމުގައި ވެސް ހަމައެކަނި ފުލުހުންގެ މުއައްސަސާއަށް ފުލުހުންގެ މަސައްކަތަށް ގެންނަންޖެހޭ ތަރައްގީ އާއި ބަދަލްތަށް އެގިގެނެއް ނޫން އަޅުގަނޑުމެން މި މަސައްކަތް ކުރާނީ . މި މަސައްކަތުގައި ވެސް އެކިކަހަލަ ފޯކަސް ގްރޫޕް ސިވިލް ސޮސައިޓީ ކަމުގައި ވިޔަސް އަދި ސަރުކާރު ކަމުގައިވިޔަސް ތަފާތު މުއައްސަސާ ކަމުގައި ވިޔަސް ރައްޔިތުންގެ ތެރެއިން ވަކި ވަކި ކޮމިއުނިޓީސް ކަމުގައި ވިޔަސް އެންމެންގެ ހިއްސާ އޮވެގެން މި ފަހަރު މި ޕްލޭން އެކުލަވާލަން މި ގަސްތުކުރަނީ،" ހަމީދު ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ރައްޔިތުންނަށް އިތުބާރު ހިފޭ ތަނަކަށް ހައްދަވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.