ގައުމުގައި ދިރިއުޅޭ ކޮންމެ މީހަކީ އަމިއްލަ ގައުމުގެ މީހެއްކަމުގައި ދެކެން ޖެހޭ ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށްވެސް ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޓަރއަށް ވަޑައިގެން، އެ މިނިސްޓްރީގެ މުވައްޒިފުންނާއި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާ ނިޔާވުމުގެ ފުން ހިތާމައިގައި ބައިވެރިވާކަމަށެވެ. މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އާދިއްތަ ދުވަހު އެ ހާދިސާ ހިނގައިފައިވަނީ ވިސްނާނުލައި ކަންތައް ކުރުމުގެ ސަބަބުން ކަމަށެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ މާލޭގެ ހުރިހާ އިމާރާތްކުރާ ކުންފުނިތައް މަސައްކަތް ކުރަނީ ރައްކާތެރިކަމާއެކުގައި ތޯ ބަލަންވީ ހަމައެކަނި ބޮޑު ހާދިސާއެއް ދިމާވެގެން ނޫންކަމަށާއި މި މަސައްކަތް ފެއްޓުމަށްފަހު ގަވާއިދުން ކުރަންޖެހޭނެކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެއްބާރުލުން ދީގެން ރައްކާތެރިކަމާއެކީ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ނައިބް ރައީސް ޕްލޭނިންގ މިނިސްޓްރީއަށް ވަޑައިގެންނެވިއިރު، ޕްލޭނިންގ މިނިސްޓަރީއާއި، ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިިގެން ވަނީ މާލޭގައި އިމާރަތްކުރުމުގެ މަސައްކަތްކުރާ ސައިޓްތައް ބަލައި، ގަވައިދާއި ހިލާފުވާ ކުންފުނިތަކާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ފެށީ އާދިއްތަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ތުއްތު ކުއްޖަކު ނިޔާވުމާއި ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ބުނީ ގަވައިދާ އެއްގޮތަށް މަސައްކަތްތައްކުރޭތޯ ބަރާބަރަށް ބަލަމުންގެންދާނެކަމަށެވެ.