ޕަބްލިކްގެ ފީޑްބެކް ލިބޭނެ ފަދަ އޮންލައިން ޕްލެޓްފޯމެއް ވަރަށް އަވަހަށް ފުލުހުންގެ އިދާރާގައި ގާއިމްކުރައްވާނެ ކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ މީގެ ބޭނުމަކީ ފުލުހުންގެ އިދާރާއިން ރަނގަޅުކުރަންޖެހޭ ކަންކަން ނުވަތަ ހަރުދަނާ ކުރަންޖެހޭ ކަންކަން ރަނގަޅުމަށް ކުރަންޖެހޭ ކަންކަން ރައްޔިތުން ފުލުހުންގެ އިދާރާއަށް ހުށަހެޅުން ކަމަށެވެ.
"ކޮންމެ ރައްޔިތަކު ވެސް ފުލުހަކާއި މަގުމަތިން ބައްދަލުވާއިރު ނުވަތަ މަގުމަތިން ދަތުރުކޮށްފައި ނުވަތަ ހިންގަވާފައި ދާއިރު އެ ފެންނަ ފުލުހެއްގެ ހަރަކާތް ހުންނަ ގޮތް ނުވަތަ އެ ބޭފުޅަކު ފުލަހަކާއި އެންކައުންޓަރވާވުން އެ ތަޖްރިބާ އަޅުގަނޑުމެންނާއި ހިއްސާކުރުން," ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ މިފަދަ ޕްލެޓްފޯމެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު އެއްވެސްކަހަލަ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމެއް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ހަމީދު ވިދާޅުވިއެވެ.