އިންޑިއާ އިން، ރާއްޖެއަށް ދިން 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ސަބަބުން ދަރަނި ބޮޑު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިިދާޅުވެއްޖެއެވެ.
އިންޑިއާގައި ހުންނަވާ ނޫސްވެރިންވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއަކީ އިންޑިއާ އިން އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މުޅި ޕެކޭޖްގެ އަދަދު ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދިނުމަށް ހަމަޖެހިފައިވާ 800 މިލިއަން ޑޮލަރު ހިމެނޭ ކަމަށް މިނިސްޓަ ވިދާޅުވިއެވެ. އެގޮތުން އެ ފައިސާއަކީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް އިންޑިއާ ސަރުކާރަށް ހުށަހެޅުމުން، އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ލޯންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވިގޮތުގައި ކޮންސެޝަނަލް އެ ލޯނުތަކު އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށެވެ.
"އެއީ އަޅުގަނޑުމެން ފީސިބަލް ޕްރޮޖެކްޓްތަކެއް، ޕްރޮޕޯޒަލްތަކެއް ހިފައިގެން އައިސަ އިންޑިއާ ސަރުކާރަށް ހުށަހެޅީމަ, އެ ބޭންކްތަކުން، އިންޑިއާގެ އެގްޒިމް ބޭންކް ތުރޫކޮށް ލައިން އޮފް ކްރެޑިޓްއެއް ހުޅުވާލަދިނީ. އޭގެ މާނައަކީ، އަޅުގަނޑުމެންނަށް ފީޒިބަލް ޕްރޮޖެކްޓްތަކެއް ހިފައިގެން އައިމަ 1.5 ޕަސެންޓް އިންޓަރެސްޓް ރޭޓްގައި، ކޮންސެޝަނަލް އިންޓްރެސްޓް ރޭޓްގައި އަޅުގަނޑުމެންގެ އެ ޕްރޮޖެކްޓްސްތަކަށް ފަންޑްސް ހޯދަދެވޭނެއޭ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން އެ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގައި ކަރެންސީ ސްވެޕްގެ ގޮތުގައި 400 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އިންޑިއާއިން ނިންމާފައިވާއިރު، މިނިސްޓަރ އަމީރު ވިދާޅުވީ އޭގެ ސަބަބުން ވެސް ދަރަނި ބޮޑު ނުވާނެ ކަމަށެވެ. އެގޮތުން އެ ފައިސާއަކީ ރިޒާވް މެނޭޖްކުރުމަށްޓަަކައި އެމްއެމްއޭއަށް ހުޅުވާލަދިން ދޮރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު އަމީރު ވިދާޅުވީ، އިންޑިއާ އިން ދޭ 21 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފައިސާ ހަމަޖެހުމުން މިއަހަރުގެ ބަޖެޓްގައި ބޮންޑް ވިއްކަން ހިމަނާފައި އޮތް އޮތުން މަޑުޖައްސާލާނެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ދަރަނި ވަނީ ވަރަށް ބޮޑުތަނުން އިތުރުވެގެންގޮސްފައެވެ. އަދި އިންޑިއާއިން ދޭ 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ސަބަބުން ގިނަ ކަންތައްތަކަށް ހައްލު ލިބިގެންދާނެ ކަމަށާއި، ސަރުކާރުން މަސައްކަތްކުރިގޮތަށް އެހީއަކީ ކޮންސެޝަނަލް ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދިނުމަށް ނިންމާފައިވާ ކްރެޑިޓް ފެސިލިޓީއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.