"ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރސް"ގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަ ފުލުހުންގެ ގުރޫޕެއް ހަމަޖައްސަން ނިންމައިފިއެވެ.
މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ފުލުހުންނާ ގުޅުން ހުރި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުކެއެވެ. "ނެއިބަރ ހުޑް ސަޕޯރޓްސް އޮފިސަރސް" ގެ މަސައްކަތާއި ގުޅޭ މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ "ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުން" ފުރަތަމަ ހަމަޖައްސާނީ ގްރޭޓާ މާލެ އޭރިއާ އަށް ކަމަށެވެ. އެ ގޮތުން ހުޅުމާލެ، ވިލިމާލެ، މާލެ ތިން ސަރަހައްދަކަށް ބަހާލައިގެން ނެއިބަރ ހުޑް އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް އެކްޓިން ކަމިޝަނަރ ވިދާޅުވިއެވެ.
"އެގޮތުން މާލެ ސިޓީ ހަތަރު ނެއިބަރ ހުޑްއަކަށް ބަހާލައިގެން، އެގޮތުން މިއިން ކޮންމެ ނެއިބަރ ހުޑް އޮފިސަރަކަށް މި އައްޔަން ކުރަނި އެ ނެއިބަރ ހުޑެއްގެ ސަޕޯޓް އޮފިސަރެއް. ފުލުހުންގެ ތެރޭގައި ފްރޮންޓް ލައިންގައި ތަޖުރިބާ ހުރި ވަކި ރޭންކަކަށް ވުރެ ދަށް ނޫން ރޭންކަކުގެ ފުލުހަކު އަޅުގަނޑުމެން އައްޔަން މި ކުރަނީ،" ހަމީދު ވިދާޅުވިއެވެ.
މީގެ އަމާޒަކީ މިއިން ކޮންމެ ނެއިބަރހުޑެއްގެ ސަޕޯރޓް އޮފިސަރަކީ އެ ސަޕޯރޓް އޮފިސަރެއްގެ ޖުޑިސްޓްރިކްޝަން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.
އެކްޓިން ކަމިޝަނަރ ވިދާޅުވީ މި އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމައެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން ކަމަށެވެ. އެންމެ މުހިއްމު ކަމަކީ ނެއިބަރހުޑްގެ ގޮތުގައި ކަނޑައެޅޭ އޮފިސަރުންނާއި އެ ސަރަހައްދަށް ނިސްބަތްވާ ނުވަތަ ދިރިއުޅޭ ރައްޔިތުންނާއި ވީހާ ވެސް ގާތް ގުޅުމެއް އޮވެމެ މިކަން ފުރިހަމަވެގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުންގެ މަގްސަދަކީ އެ އޮފަސަރަކާ ހަވާލުކުރެވޭ ނެއިބަރހުޑެއް ރަނގަޅަށް ބެލެހެއްޓުމާއި ފެޓްރޯލްކުރުން ކަމަށެވެ. ނެއިބަރހުޑް ސަޕޯޓްސް އޮފިސަރުންގެ ގޮތުގައި އޮފިސަރުންތަކެއް ހަރަކާތްތެރިވެގެން ދިއުމުން ރައްޔިތުންނާއި ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގެ ސަގާފަތެއް ދިރުވާ އާލާވެގެންދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
"އެއީ ހަގީގަތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލްކޮށްގެން ހިދްމަތްތަށް ކާރިން ދިނުން. އަދި ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަށް ރައްޔިތުންގެ ހިމާޔަތަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ބުނާ ބަސް އަހައިގެން ކަންބޮޑުވުންތަށް ދަނެގަނެގެން އޭގެ އިތުރަށް ފެންނަން ހުރި އެވިޑެންސާއި ކަންކަން ބޭނުންކޮށްގެން މަސައްކަތް ކުރުން،" ހަމީދު ވިދާޅުވިއެވެ.
މީގެ ނަތީޖާއަކަށް ވެގެންދާނީ ވީހާ ވެސް ބޮޑަކަށް ފުލުހުންގެ ފްރަންޓްލައިންގެ މަސައްކަތް ޑީސެންޓްރަލައިޒް ވެގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.