ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމުގެ އެއްބަސްވުމަކާއި، ސަގާފީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި، ދަނޑުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެކެވެ.
ރައީސް ސޯލިހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާއަކީ ދިވެހިންގެ ހިތާ ގާތް، ރާއްޖޭގެ އެއްމެ ދުވަސްވީ އެކުވެރިޔާ ކަމަށެވެ. އަދި މި ސޮއި ކުރެވުނު އެއްބަސްވުންތަކަކީ ރާއްޖެ އާއި އިންޑިއާއިން ވެސް ބޭނުންވާ ކަންކަން ހާސިލު ކުރަން މަގުފަހިވެގެން ދާނެ އެއްބަސްވުންތައް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރަހައްދުގެ ހަމަޖެހުމާއި ކަނޑުމަތީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި، ބޮޑު ވަޒީރު މޯދީގެ އިތުރުން ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ރާމްނާތް ކޯވިންދު އާއި، ނައިބު ރައީސް ވެންކަޔާ ނައިޑޫގެ އިތުރުން އެ ގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ސުޝްމާ ސުވަރާޖައާ އެކު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ދަތުރުފުޅަކީ ރައީސް ސޯލިހު ހުވާ ކުރެއްވި ދުވަހު އެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި އިރު ބޮޑުވަޒީރު މޯދީގެ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.