އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހަދައި އިމާރާތްކުރުމުގެ ހުއްދަ ނުދިނުމަށާއި ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވުމަށް އެދި ސިވިލްކޯޓައް ގާނޫނީ ވަކީލުންތަކެއް މައްސަލަ ހުށައަޅައިފިއެވެ.
ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ރިޒާ ޝަފްނީޒް އެންޑް ކޯގެ މެނޭޖިން ޕާޓްނަރު ޝަފީއާ ރިޒާ ވިދާޅުވީ މި މައްސަލަ ކޯޓަށް ހުށައަޅާފައި ވަނީ އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން ޖުމްލަ 14 ގަވާއިދެއް ހަދަން ޖެހޭއިރު މިހާތަނަށް އެ ގަވާއިދުތަށް ނުހެދި ހުރި މައްސަލައިގައި، އިމާރާތް ކުރުމުގެ ހުއްދަ ނުދޭން ހައުސިން މިނިސްޓްރީ އާއި، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިއެވެ.
މިފަދަ މައްސަލައެއް ކޯޓައް ހުށަހަޅާފައި ވަނީ ގާނޫނީ ގޮތުން މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތަކެއް ކޮށްފައި ނުވާތީ އާންމުންގެ މަސްލަހަތު ހިމާޔަތްކުރުމާއި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ކަމަށް ވެސް ޝަފީނާޒް ވިދާޅުވިއެވެ.
މާލޭގައި އުސް އިމާރާތްތައް ކުރަމުންދަނީ އެކަމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމެއް ނުވަތަ ނުނަގާ ކަމެއް ނޭނގޭއިރު އެކަމަށްޓަކައި ހުއްދަ ދޭންޖެހޭ ގަވާއިދު ވެސް އޮތީ ނުހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ގާނޫނުތައް ނަހަދާ ހުރުމުގެ ސަބަބުން ފަހަކަށް އައިސް ކުރާ މިފަދަ މަސައްކަތްތަކަށް ދޫކޮށްފައިވާ ހުއްދަތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިހާރު އިމާރާތް ކުރަމުންދާ ތަންތަން ވަގުތުން ހުއްޓާލުމަށް އަންގައި، އަދި އިމާރާތްކުރަމުންދަނީ ހުއްދަ ނަގައިގެންތޯ ސަލާމަތީކަންކަން ފުރިހަމަވެފައި ހުރީ ކިހާވަރަކަށްތޯ މިނިސްޓްރީ އިން ކަށަވަރުކުރުމަށް ފަހު ނޫނީ އެ މަސައްކަތް ނުފެށޭ ގޮތަށް ވަގުތީ އަމުރަކަށް ވެސް އެމައްސަލާގައި އެދިފައިވާނެ ކަމަށް ޝަފީނާޒް ވިދާޅުވިއެވެ
ހޯމަދުވަހު ސިވިލްކޯޓައް ހުށައަޅާފައިވާ މައްސަލައިގެ ޓީމްގައި ހިމެނެނީ ރިޒާ ޝަފްނީޒް އެންޑް ކޯ އާއި، ވިޝާމް އެންޑް ކޯގެ އިތުރުން، އައިމިނަތު އަރީޖާއި، ސޮފިއްޔާ ތައުފީގުގެ އިތުރުން ފާތިމަތު ޝަރީފެވެ.