އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދޭން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހްއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެން ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށެވެ.
މޯދީ އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ ވަރުގަދަ ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖެ އަށް ދޭ އެހީގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް ދޭ އެއީ އާއި ލުއި ލޯނާއި ބަޖެޓް ސަޕޯޓާއި އިންސެންޓިވްތައް ހިމެނޭ ކަމަށް މޯދީ ވިދާޅުވިއެވެ.
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޯދީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު ވަނީ ދެ ގައުމުގެ މެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ވިސާގެ ކަންކަން ލުއި ފަސޭހަ ކުރުމުގެ އެއްބަސްވުމަކާއި، ސަގާފީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި، ދަނޑުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެކެވެ.
މި ދަތުރުފުޅަކީ ރައީސް ސޯލިހު ހުވާ ކުރެއްވި ދުވަހު އެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި އިރު ބޮޑުވަޒީރު މޯދީގެ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އިބްރާހިމް މުހައްމަދު ސާލިހު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.