ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރު ކުރެއްވުމުން އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފިޔަވަޅު އަޅަން އެ ޕާޓީން ނިންމައިފިއެވެ.
ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި ނިކުންނެވި މެމްބަރުންނާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު ބައްދަލުކުރައްވާފައިވާ ކަމަށާއި އެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބަލާނެ ކަމަށެވެ.
"ޔާމީންގެ ދިފާއުގައި ނިކުންނެވި މެމްބަރުންނާއި ޕާޓީގެ ލިޑަރު ވަނީ ބައްދަލުކުރައްވާފައި. އެ މައްސަލައިގައި ގޮތް ނިންމާނީ ޕާޓީގެ ސުލޫކީ ކޮމެޓީން،" ރިޔާޒު ވިދާޅުވިއެވެ.
ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެ ޕާޓީގެ އެއްވެސް މެމްބަރަކު ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހެއްގެ ފަހަތުގައި ނުހުނާންނެ ކަމަށާއި ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަން ދިފާއުކުރެއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ޕާޓީގެ ލީޑަރު ކުރައްވާނެކަމަށެވެ.
"ޖޭޕީގެ މެމްބަރުންނެއް އެއްވެސް ކަމެއް ނުކުރައްވާނެ ވައްކަމާއި ކަރަޕްޝަންގެ ތުހުމަތު ކުރެވޭ ރައީސް ޔާމީންގެ ފަހަތަކު. މި ވެރިކަން ދިފާއު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ޕާޓީގެ ލީޑަރު އަދި މެމްބަރުން ތިއްބެވީ. ޖޭޕީން މި އޮއްހާދުވަހު މަސައްކަތް ކުރީ ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް،" އަލީ ސޯލިހު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު ފަހު ޔާމީން ފުލުހަށް ހާޒިރުކުރި ވަގުތު، އެމަނިކުފާނުގެ ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދޮންމަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ. ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ވާދަކޮށް، 2014 ވަނަ އަހަރު ގޮނޑި ކާމިޔާބު ކުރެއްވި އެ މެމްބަރުން މިދިޔަ މަހު ވަނީ ޖޭޕީއަށް ގުޅިވަޑައިގެން، ޕާޓީގެ މެމްބަރޝިޕް ފޯމު އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަތްޕުޅަށް އަރުވާފައެވެ.
ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގެވި ކަމަށް ތުހުމަތު ކުރާ ޔާމީންގެ ދިފާއުގައި ޖޭޕީގެ މަޖިލިސް މެމްބަރުންތަކެއް ނުކުމެވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ މަރުތަކާއި ހިޔާނާތް ބަލަން ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކުރަން މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.