އދ. ގެ ސަލާމަތީ މަޖިލީހުގެެ މެމްބަރުކަން އިންޑިއާ އަށް ހޯދައިދިނުމަށް ރާއްޖެއިން ބާރު އަޅާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ހޯމަ ދުވަހު ވިދާޅުވެއްޖެއެެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ރާއްޖޭގެ ފަރާތުން އިއްވެވި ބަޔާނުގައި ރައީސް ސާލިހް ވިދާޅުވީ އދ. ގެ ދާއިމީ މަންދޫަބަކަށް އިންޑިއާ ވުމަށާއި 2021 ވަނަ އަހަރު އޮންނަ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑިއާގެ ވާދަކުރާއިރު ރާއްޖޭގެ ތާއީދު އެގަމަށް ލިބޭނެކަން ބޮޑުވަޒީރު މޯދީއަށް ޔަގީންކޮށްދެއްވާ ކަމަށެވެ.
ރައީސް ސާލިހް އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުމަށް އެއްބަސްވެފައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ޖޫން މަހުގެ 9 ވަނަ ދުވަހު ނެގި ވޯޓުގައި ރާއްޖެއިން ވާދަކޮށްފައިވާއިރު އަވަށްޓެރި އިންޑިއާ އިން ވޯޓުދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ދަ ޕްރިންޓް ނޫހުގައި ބުނެފައި ވެއެވެ.
އޭރު ރައީސް ޔާމީންގެ ސަރުކާރުން އިންޑިއާއާ ގުޅުން ކުޑަކޮށްފައިވާއިރު ސަލާމަތީ މަޖިލީހުގެ ވޯޓު ނެގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާ އަށް ވެސް ވަޑައިގެންނެވިއެވެ.
އެ ވޯޓުގައި ރާއްޖެއަށް ލިބުނީ މެމްބަރު 193 ގައުމުގެ ތެރެއިން 46 ވޯޓެވެ. މި ގޮނޑި 144 މެމްބަރުންގެ ވޯޓާއެކު އިންޑޮނޭޝިއާއިން ކާމިޔާބުކުރިއިރު މިއީ އެ ގޮނޑިއަށް އެ ގައުމު އިންތިހާބުވި ހަތަރުވަނަ ފަހަރެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ 190 ގައުމަކުންނެވެ. އިންޑޮނޭޝިއާގެ މި ފަހަރުގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުއެވެ.