އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބުރާހިމް މުހައްމަދު ސާލިހް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ދިއްލީގެ ހައިދަރުއާބާދު ހައުސްގައި ހޯމަ ދުވަހުގެ މެންދުރު އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމެއްގެ އެންމެ އިސް ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ރައީސް ސާލިހު ހުވައިކުރެއްވި ރަސްމިއްޔާތަށްފަހު މޯދީ ވަނީ ރައީސްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ދެބޭފުޅުން ބައްދަލުކުރައްވާ، މޯދީ ވަނީ ރައީސް ސާލިހަށް މަރުހަބާ ވިދަޅުވެ ދިވެހި ރައްޔިތުންނަށް ރައީސް ސޯލިހުގެ ޒައާމަތުގައި އުފާފާގަތި ދުވަސް ތަކަކަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ސޯލިހް އިންޑީއާގެ ރައީސް އާއި ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވާއިރު، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ނިންމާފައިވަނީ މިއަދު އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.
މި މަހުގެ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވަނީ ރިޔާސީ ގަނޑުވަރު، ރާޝްތްރަޕަތީ ބަވަންގައެވެ. ރައީސް ސޯލިހް އިއްޔެ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފަ އެވެ.