ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ ދަށުން ގަރާޖު ހަދާފައިނުވާ ތަންތަނަށް ދޫކުރަމުން ގެންދިޔަ ހުއްދަ މަޑު ޖައްސާލާފައި ވާކަމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން އާދިއްތަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވޭތިވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ހުޅުމާލެއަށް އެތެރެ ކުރެވިފައިވާ އުޅަނދުގެ އަދަދު އިތުރުވެ ގަރާޖު ނެތް ތަންތަނަށް ދޫކުރުމަށް ކަނޑަ އަޅާފައިވާ ޕާކުކުރުމުގެ ޖާގަ ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އުޅަނދު ފަހަރު ޕާކް ކުރެވޭނެ ސަރަހައްދުތަކެއް ކަނަޑައަޅާ އަދި ހުއްދަ ދޫކުރުމުގެ އުސޫލެއް އެކުލަވާލާ އާންމު ކުރެވެންދެން އާދިއްތަ ދުވަހުން ފެށިގެން ގަރާޖު ހަދާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުއްދަ ދޫކުރުން މަޑު ޖައްސާލާފައި ވާކަމަށެވެ
އެޗްޑީސީން ބުނީ ހުއްދަ އަލުން ދޫކުރެވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިން ހަދާފައިވާ އެއްގަމު އުޅަނދު ފަހަރު ޕާކުކުރުމުގެ ގަވާއިދުތައް މުރާޖައާ ކުރުމުގެ މަސައްކަތް ކަމަށެވެ
އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ އެޗްޑީސީ އިން ދެނީ ކޮންމެ ފްލެޓެއްގެ އެޕާޓުމަންޓަކަށް އެއް އުޅަނދު އަދި ގަރާޖެއް ނެތް އިމާރާތަކަށް އެއް އުޅަނދެވެ.
މީގެ އިތުރުން ގެސްޓު ހައުސް ނުވަތަ ވިޔަފާރި ޔުނިޓުތަކަށް ވެސް އެއް އުޅަނދު ދުއްވުމުގެ ހުއްދަ ދެއެވެ.