ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާ އާއި ބޮޑުވަޒީރު ނަރެންދުރަ މޮދީ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސް ސޯލިހަށް ރަސްމީކޮށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު އޮތީ، އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްރަޕަތީ ބަވަންގައި މިއަދު ހެނދުނުއެވެ. މި ހަފުލާގައި ރައީސް ސާލިހު ވަޑައިގަތުމާއި އެކު 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމާއި އެކު ދެގައުމުގެ ގައުމީ ސަލާމް ކުޅުނެވެ.
#Live #IndiaStateVisit
— Presidency Maldives (@presidencymv) December 17, 2018
Official welcoming ceremony for President @ibusolih and First Lady to #India pic.twitter.com/UUEKvzXLx2
ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު އިންޑިއާގެ ކުރީގެ ރައީސް މަހާތަމާ ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވާނެ އެވެ.
އިންޑީއާގެ ރައީސް އާއި ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވާއިރު، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވެސް ނިންމާފައިވަނީ މިއަދު އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.
މި މަހުގެ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވަނީ ރިޔާސީ ގަނޑުވަރު، ރާޝްތްރަޕަތީ ބަވަންގައެވެ. ރައީސް ސޯލިހް އިއްޔެ ވަނީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފަ އެވެ.