މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި ރޭ މެންދަމު ވެސް އިތުރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް، އާއިލާއިން ބުނެފި އެވެ.
ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިއްޔެ ކުރި ހަ ގަޑިއިރު އޮޕަރޭޝަން ކުރުމަށްފަހު ރޭ މެންދަމު އިތުރު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަން އަށް ވެސް އެއް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ކަމަށް އާއިލާއިން ބުނެ އެވެ.
އައިޖީއެމްއެޗުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަނަށްފަހު ކުއްޖާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ، އެ ހާދިސާގައި އެކުއްޖާގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި މާލޭ ސިޓީ ބެލެހެއްޓުމުގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.