މިއަހަރު ނިމުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އެމްޑީޕީގެ 50،000 މެމްބަރުން ޖެއްސުން ކަމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީގެ އިދާރީ ކަންކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އިބްރާހިމް ވަހީދު ވިދާޅުވީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ދަފްތަރުގައި އެމްޑީޕީގެ 29،000 މެންބަރުން ތިބި ކަމަށެވެ. މި އަހަރުގެ ނިޔަލަށް އެ އަދަދު 50،000 އަށް އެރުވުމުގެ މަސައްކަތް ކުރަނީ، އެ ޕާޓީގެ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޕާޓީއަށް ސޮއިކޮށްފައިވާތީ ކަމަށް ވަހީދު ވިދާޅުވި އެވެ.
އިލެކްޝަންސްގެ ދަފުތަރުގައި މިހާރު އެމްޑީޕީގެ 29،000 މެމްބަރުން ތިއްބަސް، އަލަށް ޕާޓީއާ ގުޅުނު މެމްބަރުންނާއެކު ޕާޓީގެ އިދާރާގައި އޮތް ދަފުތަރުގައި 79،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިބި ކަމަށް ވަހީދު ވިދާޅުވި އެވެ.
އެ ހުރިހާ މެމްބަރުން އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކާއި ކުރިން ފެށިގެން އިލެކްޝަންސް ކޮމިޝަންއަށް ކުރިން ހުށަނާޅައި ހުރި މެމްބަރުންގެ ފޯމްތައް އަންނަ ހަފުތާގައި އެ ކޮމިޝަނާ ހަވާލުކުރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަކަށް އެ ޕާޓީން ވާދަކުރާއިރު މިހާތަނަށް 147 މީހުން ކެންޑިޑޭޓުންގެ ގޮތުގައި ފޯމް ހުށައަޅާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އިންތިޚާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ މެންބަރަކަށް ވުމަށްޓަކައި ފޯމް ހުށައަޅާފައިވާ އެންމެންގެ ފުލް ލިސްޓް ހޯމަ ދުވަހު އިއުލާން ކުރުމަށް ނިއްމަވާފައިވަނީ. ކެނޑިޑޭޓުންގެ ލިސްޓް ފަހުން ހާމަކުރައްވާނެ،"ވަހީދު ވިދޅުވިއެވެ.
ކުރިން އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވާ ވަހީދުއާ، އިދާރީކަންކަން ވަގުތީ ގޮތުން ހަވާލުކުރީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވާތީ އެވެ.