ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު މައްސަލާގައި އެ އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ޑަބްލިއު ކޮންސްޓްރަކްޝަނަށް ދީފައިވާ ހުއްދަތައް ހިފަހައްޓައި، އެ ކުންފުނީގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.
އެ ހުއްދަތައް ހިފަހައްޓަން ނިންމީ މާލޭ ސިޓީ ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. އެ ކައުންސިލުން ވަނީ ވާ ޖަހައިގެން އިމާރާތްތަކަށް އެއްޗެހި އެރުވުން ހުއްޓުވުމަށް ވެސް ނިންމާފައިވެއެވެ.
އެ ނިންމުންތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސިޓީ ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދުގައި ބަހައްޓާފައި ހުރި ނުރައްކާ ބޯޑަކީ މިސްކިތެއްގެ އުވަ ޖެހުމަށް އެ ކުންފުންޏަށް ދީފައިވާ ބޯޑެއް ކަމަށެވެ. އެހެންކަމުން ހާދިސާ ހިނގިއިރު، އެ ކުންފުނިން ނުރައްކާ ބޯޑު ބަހައްޓާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޤަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ހޯދާ، އެ މަސައްކަތް ވަގުތުން ހުއްޓުވަން ނިންމާފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފު ވިދާޅުވިއެވެ.
ސިޓީ ކައުންސިލާއި ޕްލޭނިންގް މިނިސްޓްރީ އާއި ފުލުހުންނާއި ސިފައިނާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިތުރުން ކަމާބެހޭ ފަރާތްތައް ގުޅިގެން މާލޭގައި މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓްތައް ބެލުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލެ ތެރެ ބަލަހައްޓާ ސުޕަވައިޒަރުންގެ އަދަދަކީ އެންމެ ހަތް މީހުން ކަމަށާއި ސުޕަވައިޒަރުން އިތުރުކޮށް މާލޭގައި ހިނގާ ކަންތައްތައް ވަރަށް ކައިރިން، ސިޓީ ކައުންސިލުން ބަލާނެ ކަމަށެވެ.
މާފަންނު ނަލަހިޔާ ސަރަހައްދުން ހިނގާފައި ދަނިކޮށް އެ ސަރަހައްދުގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ އޮޕަރޭޝަންކޮށް ނިމިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފިއެވެ. އައިޖީއެމްއެޗުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަނަށްފަހު ކުއްޖާއަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.