ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި އެފަރާތްތަކަށް އެއްވެސް ހުރަހެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ދިއްލީގެ އައިޓީސީ މޯރިއާ ހޮޓެލްގައި އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ އިންވެސްޓަރުންނަށް ބޭންކިން ނިޒާމުގެ ތެރެއިން ރައްކާތެރިކަން ހޯއްދަވައި ދެއްވައި، ގާނޫނީ ގޮތުން ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.
"ރާއްޖެގެ އިގްތިސާދު ބާރަށް ކުރިއަރަމުން އަންނައިރު، ރާއްޖެ އޮތީ ބޭރުގެ ވިޔަފާރިތަކަށް ހުޅުވާލެވިފައި. އެފަރާތްތަކަށް ރާއްޖެއަށް މަރުހަބާ ކިޔަން. ރާއްޖެއަކީ ކުޑަގައުމެއް ނަމަވެސް ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެއް. ޓޫރިޒަމް ދާއިރާގައިވެސް ފުރުސަތުތައް އެބަހުރި. ހާބަރ ޕްރޮޖެކްޓްތަކުން ފެށިގެން ރީޖަނަލް އެއާޕޯޓްތައް އެހުރީ" ރައީސް ވިދާޅުވިއެވެ.
އިންޑިއާއަށް އެމަނިކުފާނު ކުރެއްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލު ކޮށްލެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ ވިޔަފާރިވެރިންނާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ވިޔަފާރި އާއި ބެހޭ ވަޒީރާއި، ޗެމްބަރ އޮފް ކޮމާސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.