އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނިން ނަގަންޖެހޭ ހުއްދަތައް ވެސް ނަގާފައި ނުވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައިޖީއެމްއެޗުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ އިމާރަތުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން ފުލުހުން ހާއްސަ ރިޕޯޓެއް އެކުލަވާ ލަމުން ގެންދާކަމަށެވެ. އަދި އެ ރިޕޯޓް ނިމުމާ އެކު އެ ކުންފުނިން އަމަލުކޮށްފައި ވާގޮތް އެނގިގެން ދާނެކަމަށާއި، މިހާތަނަށް ބެލިބެލުމުން އެ ކުންފުނިން އިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ނަގަން ޖެހޭ ބައެއް ހުއްދަތައް ނުނަގައި ވާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
"ކައުންސިލްގެ ފަރާތުން ބެލިބެލުމުން ފާހަގަކުރެވޭ، ހުއްދައިގެ ބޯޑް އެތާ އިނަސް، އެއީކީ އެ ވިދާޅުވާގޮތަށް އެ މަސައްކަތްތައް ކުރުމަށް ނަގާފައިވާ ހުއްދައެއް ނޫން. އަދި ހަމަ އެޔާއެކުގައި ސުޕަވައިޒްކުރުމުގައިވެސް އެތަނުގައި ވަރަށް ފަރުވާކުޑަކޮށް ކަންތައްކޮށްފައިވާކަން ފާހަގަކުރެވޭ." ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވި އެވެ.
ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގިނަ ކުންފުނިތަކުން އެންމެ އެކަށީގެންވާ ގޮތަށް ބަލަން ޖެހޭ ކަންކަން ނުބަލާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އިމާރަތްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީ އާއި، ފުލުހުންނާއި ގުޅިގެން މަސައްކަތްތައް ކުރަން ނިންމާފައިވާ ކަން އަކްރަމް ފާހަގަކުރެވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހި ވަނީ ޤާނޫނުތަކާއި، ގަވައިދުތަައް ނެތުމުން ނޫންކަމަށެވެ.
"މިހާރު އަޅުގަނޑަށް ހީވަނީ ގަވައިދު ދޯދިޔާވެގެން ނޫންހެން މި އުޅެނީ އެނގޭތޯ. އެއީ، ބަލަންވާވަރަށް ނުބެލިގެން ކުންފުނިތަކުން." އަކްރަމް ވިދާޅުވި އެވެ.
އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ އެއް ވެއްޓި، އެ ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، މާލެ ސިޓީ ކައުންސިލުން ވަނީ އިމާރަތްކުރުމުގެ ހުއްދަތައް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލާފަ އެވެ. މޭޔަރ ސިފާ ވިދާޅުވީ ހުއްދަތައް ދިނުން މަޑުޖައްސާލުމުން ކުންފުނިތަކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އެޅުއްވީ ހުރިހާ ފަރާތަކާއި މަޝްވަރާކޮށް، ކަންކަން އިސްލާހްކުރުމަށް ކަމަށް ޝިފާ ވިދާޅުވި އެވެ.