ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑު ސިޔަސީ މުއައްސަސާއެއް ކަމަށާއި އެތަނުން ކަންކަން ފުރިހަމައަށް ކުރުމުގައި ކޯލިޝަންގެ ތެރޭގައި އޮންނަ އެއްބާރުލުމާއި މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅުކޮށް ރާއްޖެއިން ގެއްލިގެން ދިޔަ ދުވަސްތައް ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމުގައި އެކުވެރިކަމާއި ބަދަހިކަމާއި އެކު މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ރައްޔިތުންނަށްވި ވައުދުތައް ފުއްދައި، ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ކޯލިޝަން އަދިވެސް ވަރަށް ދުރަށް ދަތުރު ކުރަންޖެހޭ ކަމަށް ގަބޫލު ފުޅު ކުރައްވާކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ދުރަށް ދަތުރު ނުކުރެވޭނަމަ ރައްޔިތރުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތި ލާންޖެހޭނެ ކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި އަދި ސިޔާސީ ގިނަ ލީޑަރުންވަނީ ވަރަށް ހިތި ތަޖުރިބާތަކެއް ވޭތިވެ ދުވަސްތަކުގައިކޮށްފައި ކަމަށާއި އެދުވަސްތައް ދެވަނަ ފަހަރަށް ތަޖުރިބާކުރަން އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވުނު ހިތި ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
"ގައުމުގެ މަސްލަހަތު އިސްކުރުމަކީ ރައީސުލްޖުމްހުރިއްޔާއަށް ގޮންޖެހުން ކުޑަކޮށް ގައުމުގައި ހުރި މައްސަލަތައް ކުޑަކުރުމަށް މަގުފަހިކޮށްދިނުން. އެ މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ރައީސުލްޖުމްހުރިއްޔާއަށް ދެވޭނި ކިތަންމެ ބޮޑު ސިޔާސީ ޕާރޓީއެއް ކަމުގައި ވިޔަސް އަދި ކިތަންމެ ބޮޑު ގުރުބާނީއެއް ވެފައިވާ ޕާރޓީއެއް ކަމުގައިވިޔަސް މިވަގުތު ގައުމުގެ މަސްލަހަތާއި ކޯލިޝަނުގެ މަސްލަހަތު އިސްކޮށްގެން" މިނިސްޓަރ ވިދޅުވިއެވެ.
ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ރައްޔިތުން އަޅުވާފައިވާ ޒިންމާ އޭގެ އެންމެ ފުރހަމަގޮތުގައި އަދާކުރުމަށްޓަކައި ކޯލިޝަންގެ ތެރޭގައި ތިއްބެވި އިސްބޭފޫޅުން ވިސްނަން ޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އެހެން ނޫންކަމަށްވާނަމަ އެންމެ ފުރަތަމަ އިސްކުރެވޭނީ ތިމާގެ މަސްލަހަތު ކަމަށާއި ގައުމީ މަސްލަހަތު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.