ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންފި އެވެ.
އިންޑިއާ ސަރުކާާރުން ފޮނުވި އެއާ އިންޑިއާގެ މަތިންދާ ބޯޓްގައި ރައީސް ސޯލިހް އާއި އެ މަނިކުފާނު ވަފުދު ނިއު ދިއްލީގައި ޖައްސާނީ މެންދުރުފަހު 2:00 ގަ އެވެ.
މި މަހުގެ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދު ދިރިއުޅުއްވާ ހައިބަތު ބޮޑު ރިޔާސީ ގަނޑުވަރު، ރާޝްތްރަޕަތީ ބަވަންގައެވެ.
ރައީސް ސޯލިހްއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު ރާޝްތްރަޕަތީ ބަވަންގައެވެ. އެ ރަސްމިއްޔާތު ފަށާނީ ރާއްޖޭ ގަޑިން 9:30 ގަ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544954599.jpg)
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި މީޑިއާއަށް ދެއްވި ސްޓޭޓްމެންޓްގައި ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅު ކާމިޔާބުވެ، ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ވިސާ އެގްރީމެންޓާއި ބަޖެޓް ސަޕޯޓަށް ހަމަޖައްސައިދޭ ފައިސާގެ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. ވިސާ އެގްރިމެންޓްގެ ސަބަބުން އިންޑިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށާއި ޑިޕެންޑެންޓުންނަށް ވިސާ ލިބުމުގައި ފަސޭހަވެ، އެހެނިހެން ވިސާތަކަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމްނާތު ކޮވިންދާއި، ނައިބު ރައީސާ ވެންކަޔާ ނައިދޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އިންޑިއާގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544954603.jpg)
އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށާއި އާ އިންވެސްޓްމެންޓްތައް ގެނައުމަށް ވިޔާފަރީވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރ މުހަައްމަދު އަސްލަމް އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ.