ސަރުކާރުން ވެފައިވާ އަދުލު އިންސާފު ގާއިމުކުރުމުގެ ވައުދު ފުއްދުވުމަށް ވެސް އެމްޑީޕީގެ ގިނަ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއު އެއްގައި ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށްވާ އަދުލު އިންސާފު ގާއިމުކުރުމަށް މަޖިލީހުގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާ ކަމަށެވެ.
"ޖުޑިޝަރީގައި ހުރި ނުރަނގަޅު ކަންކަން އިސްލާހްކުރުމަށް ވެސް އަނެއްކާ ވެސް އެނބުރެން މި ޖެހެނީ ރައްޔިތުންގެ މަޖިލީހާ ދިމާލަށް. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދިނުމާއި ކޮރަޕްޝަން ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ ވެސް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަން،" ހަސަން ވިދާޅުވިއެވެ.
ސަރުކާރާ އިދިކޮޅު މެމްބަރުން މަޖިލީހަށް ހޮވިއްޖެ ނަމަ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އަދުލު އިންސާފު ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތަށް ބޮޑެތި ހުރަސްތަކާ ކުރިމަތި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެނަށް ފެނިގެން އެބަދޭ ރައީސް ޔާމިނަށް ތާއިދުކުރާ ފަރާތްތަކުގެ ވިސްނުން ހުރި ގޮތް. އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ސަރުކާރު ހިންގަން އުނދަގޫވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރަށް އެއީ އުނދަގޫ ކަމަކަށް ވެގެންދާނެ،" ހަސަން ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ ތަންފީޒުކުރެވި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ނުލިބި މަޖިލީހުގެ ދައުރު ހަނިވެއްޖެ ނަމަ ސަރުކާރަށް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގެ އަސްލާ އެއްގޮތަށް ތަންފީޒުކުރުމަށް އެންމެ ފަސޭހަ ވެގެން ދާނީ ވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހޮވައިގެން ކަމަށް ވެސް ހަސަން ފާހަގަ ކުރެއްވިއެވެ. ހަސަން ލަތީފު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީސް ހިނގަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކަންތައް އެ ހިނގަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ނޫން. އަޅުގަނޑުމެން އެބަ ޖެހޭ 2019ގައި މި ބޭއްވޭ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ބޭނުންވާ ގޮތައް އަދި ސަރުކާރުންވެފައިވާ ވައުދުތައް ފުއްދޭނެ ގޮތަކަށް ހެދުމަށް ވީ ވެސް ގިނަ އެމްޑީޕީ މެމްބަރުންނަށް ވޯޓުދޭން. އަދި އެމްޑީޕީއަށް ގިނަ ގޮނޑި ލިބޭނެ ގޮތަށް އެކަންކަން ކުރިއަށްދާން،" ހަސަން ލަތީފު ވިދާޅުވިއެވެ.
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ދާއިރާ އަށް ވާދަކުރުމަށް ގައުމީ މަޖިލީހުން ނިންމާފައިވާ އިރު އެ ޕާޓީން މިހާރު ދަނީ ޕްރައިމަރީ އަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވަނީ ޕްރައިމަރީ އަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.