ނިމިދިޔަ ރިޔާސީ އިންތިޚާބުގެ އިންތިޚާބީ މާލީ ރިޕޯޓުގައި ދެ ކެންޑިޑޭޓުންނާ ވެސް ސުވާލު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޭދަކުރެއްވި ފައިސާގެ އަދަދު އަދި ހާމަކުރެއްވެން ނެތީ އެ ރިޕޯޓު ދިރާސާކުރަމުންދާތީ ކަމަށާއި ދެ ކެންޑިޑޭޓުންގެ މާލީ ރިޕޯޓުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަން ކަމާ ބެހޭ ގޮތުން ކޮށްފައިވާ އެންމެހާ މުއާމަލާތްތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށް ފަހު އެ އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓް އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންވާނެ ކަމަށް ބުނެފައި ވެއެވެ.
ޝަރީފު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި ދެ ކެންޑިޑޭޓުން ވެސް އެ މުއްދަތުގެ ކުރިން މާލީ ބަޔާން ހުށައަޅުއްވާފައިވާ ކަމަށެވެ.
އެ ރިޕޯޓު ދިރާސާ ކުރަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި ކެންޑިޑޭޓުންގެ އެޖެންޓުންނާ ގުޅިގެން މައުލޫމާތު ހޯދަމުންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. ދިރާސާ ކުރުމަށް ފަހު އެ ރިޕޯޓު ހާމަކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ވަކި އަދަދެއް ދަންނަވަން ދަތި އެއީ ދިރާސާ ކުރަމުންދާތީވެ. މާކަ ބޮޑު ތަފާތު އަދަދެއް ނޫން ތަފާތު އަދަދެއް ދެ ކެންޑިޑޭޓުންގެ ވެސް ޚަރަދު ކުރައްވާފައިވާކަމަށް އެބޭފުޅުންގެ މާލީ ބަޔާނުގައި ފެންނަން އޮތީ،" ޝަރީފު ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބަށް ބޭނުން ކުރެއްވި ކަމަށް އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުއްވީ 22.5 މިލިއަން ރުފިޔާ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
އެނގިފައިވާ ގޮތުގައި 22.5 މިލިއަން ރުފިޔާ ބޭނުން ކުރެއްވިކަން ތަފްސީލާ އެކު ރައީސް ޔާމީން އިލެކްޝަންސް ކަމިޝަނަށް ވަނީ ހުށައަޅުއްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތު ކުރެވެމުންދާއިރު ފުލުހުންގެ އިދާރާއަށް ހޮނިހިރު ދުވަހު ހާޒިރުވެވަޑައިގަތުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރެއްވި ފައިސާގެ އަދަދު ވިއްސަކަށް މިލިއަނަށް ވުރެ އިތުރު ނުވާނެ ކަމަށެވެ. އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފްރީޒްކޮށްފައިވާ ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދު 100 މިލިއަނަށް ވުރެ ގިނަ ކަމަށެވެ.