މަގާމުން ދުރުކޮށްފައިވާ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އަލުން އެމަގާމާ ހަވާލުވެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާފައި ވަނީ އާދީއްތަ ދުވަހު ހެނދުނު ވަގުތެއްގައި ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގައެވެ.
ރަނިލް ބޮޑުވަޒީރުކަމާ އަލުން ހަވާލުވެ ވަޑައިގެންފައިވާއިރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރާޖަޕަކްސާ ވަނީ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައެވެ.
އިސްތިއުފާއާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ރާޖަޕަކްސަ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ސިރިސޭނާއަށް އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ މަގު ފަހިކޮށްދެއްވަން ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވީ ވަގުތީ ގޮތުން ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވިއެވެ.
ރާޖަޕަކްސަ އިސްތިއުފާ ދެއްވި އިރު މިދިޔަ ހަފްތާގައި އެ ގައުމުގެ ކޯޓް އޮފް އެޕީލްސް އިން ވަނީ އޭނާ އަށް ބޮޑުވަޒީރުކަމުގެ މަގާމުގެ މައްސޫލިއްޔަތު އަދާކުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފައެވެ. އެ ދުވަހުން ފެށިގެން ލަންކާގައި ސަރުކާރެއް ނެތުމުގެ ސަބަބުން އެ ގައުމުގެ އަންނަ އަހަރުގެ ބަޖެޓު ފާސް ނުކުރެވިދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ. ދެ ފަހަރެއްގެ މަތިން ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ވެސް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މަގާމުން ދުރުކުރި ކަން ވެސް އެނގުނީ އެކަން އިއުލާން ކުރުމުން ކަމަށާއި ނަމަވެސް އޭރު ވެސް އޭނާ މަގާމުން ވަކިކުރި ކަމެއް އަންގާފައިވާ ނުވާ ކަމަށް ރަނިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.