އިންޑިއާއަށް މިއަދު ކުރައްވާ ދަތުރުފުޅާއެކު ރާއްޖެއަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ރައީސް ވަނީ އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައި އެވެ. އަދި ވިދާޅުވީ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައީސާއި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި އަދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަ ޖެހިފައިވާ ކަމަށެވެ. އަދި އެހެންމެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރާއްޖެއަށް އިންވެސްޓް ކުރުމަށް ޝައުގުވެރިކުރުމަށް މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެމެދުގައި ވުމަށް ހަމަ ޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ފަސޭހަކަމާއެކު ވިސާ ހަމަޖެހުމާ ގުޅޭ އެއްބަސްވުންތަކެއް ހިމެނޭ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ. އަދި އެހެންމެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދަތުރުފުޅުގައި ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަ ޖެހިވަޑައިގަތުމަކަށް ވާނީ އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލު ކުރެއްވުމެވެ. ރައީސްގެ މި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ބައިވެރިންގެ ވަފުދެއް ބައިވެރިވަޑައިގަންނަވަ އެވެ.