ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުލުހަށް ހާޒިރުކުރުމުން، އެމަނިކުފާނުގެ ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ހިމެނިއްޖެއެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ހޮނިހިރު ދުވަހުގެ މެންދުރު ފަހު ޔާމީން ފުލުހަށް ހާޒިރުކުރި ވަގުތު، އެމަނިކުފާނުގެ ދިފާއުގައި ނުކުތް މީހުންގެ ތެރޭގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދޮންމަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ. ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ވާދަކޮށް، 2014 ވަނަ އަހަރު ގޮނޑި ކާމިޔާބު ކުރެއްވި އެ މެމްބަރުން މިދިޔަ މަހު ވަނީ ޖޭޕީއަށް ގުޅިވަޑައިގެން، ޕާޓީގެ މެމްބަރޝިޕް ފޯމު އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަތްޕުޅަށް އަރުވާފައެވެ.
JP vehdhi bovathakuge haalathu raiyathun visnaathi kuriyah oih majilis inthihaabah ? pic.twitter.com/Z626Fwjk4v
— Shuaib Thuhthu (@thuhthuna) December 15, 2018
ރިޔާސީ އިންތިހާބު ނިމުނު އިރު، ހަތް މަޖިލިސް މެމްބަރުން ތިބި، ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 22 އަށް އިތުރުވީ ރިޔާސީ އިންތިހާބުގެ ކާމިޔާބީއާ އެކު ކޯލިޝަންގައި ދެ ވަނައަށް ސަރުކާރުގެ އެންމެ ހިއްސާ ބޮޑު ޕާޓީއަށް ޖޭޕީވުމުންނެވެ. އެ ޕާޓީއަށް އެންމެ ގިނަ އިން މެމްބަރުން ސޮއިކުރީ އިންތިހާބު ނާކާމިޔާބުވި އިދިކޮޅު ޕީޕީއެމުންނެވެ.
ޖޭޕީއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީއެވެ. އެ މަގާމު ދަމަހައްޓަމުންދިޔަ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދީ 19 އެވެ.
ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގެވި ކަމަށް ތުހުމަތު ކުރާ ޔާމީންގެ ދިފާއުގައި ޖޭޕީގެ މަޖިލިސް މެމްބަރުންތަކެއް ނުކުމެވަޑައިގެންފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގާފައިވާ މަރުތަކާއި ހިޔާނާތް ބަލަން ރައީސް ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ފާސްކުރަން މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއިން ގޮތެއް ނުނިމި، މަޖިލިސް ޗުއްޓީއަށް ދާންޖެހުނީ ސަރުކާރު ކޯލިޝަންގެ ބައެއް މަޖިލިސް މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވުމުންނެވެ.