އިންޑިއާގެ އަވަށެއް ކަމަށްވާ ކަރްނާޓަކާ ސްޓޭޓްގެ ފައްޅިއަކުން ކެއި 11 މީހަކު މަރުވެ ގިނަ ބަޔަކަށް ސިއްހީ ފަރުވާ ދޭންޖެހިއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 11 މީހުން މަރުވެފައި ވަނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ފައްޅިއެއްގައި ބެހި ކާ އެއްޗެހިތަކެއް ކެއުމުގެ ސަބަބުންނެވެ. މީގެ އިތުރުން 90 އަށް ވުރެން ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވާކަމަށް އެ އަވަށުގެ ފުލުހުން މައުލޫމާތު ދެއެވެ.
ސަމަންގަރު ޑިސްޓްރިކްޓްގެ ސްޕްރިންޓެންޑެން އޮފް ޕޮލިސް ދަރުމެންދުރަ ކުމާރު މީނާ ސީއެންއެން ނަށް މައުލޫމާތު ދެއްވި ގޮތުގައި އެ މީހުން ވިހަވި ކަމަށް ޝައްކު ކުރެވުނީ ފައްޅިން ބެހި ކާތަކެތި ކެއުމުންނެވެ. އެ ތަކެތި ކެއުމަށް ފަހު ވަގުތުން ހޮޑުލާން ފެށި ކަމަށާއި މިހާރު އެ ކާތަކެތީގެ ސާމްޕަލްތައް ލެބޯޓްރީ އަށް ފޮނުވާފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހޮސްޕިޓަލަށް ގެންދިޔަ 90 މީހުންގެ ތެރެއިން 29 މީހުންގެ ޙާލު ސިރިއަސް ކަމަށް ޗަމަންގަރަން ޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޝަން ބީބީ ޗައުވަރީ ސީސީއެންއެން އަށް މައުލޫމާތު ދީފައިވެއެވެ. ވިހަވި މީހުން ބަނޑަށް ތަދުވެ ޑީހައިޑްރޭޓް ވެފައިވާ ކަމުގެ ނިޝާންތައް ފެންނަ ކަމަށާއި ކާތަކެތި ކައިގެން މަރުވީ 11 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށް ސުވާލުކޮށްފައިވާ އިރު އޭގެ ތެރެއިން ދެ މީހުންނަކީ އެ ފައްޅި ހިނގުމާ ހަވާލުވެ ތިބި ދެ މީހުން ކަމަށާއި އަނެއް ތިން މީހުންނަކީ އެ އަވަށުގެ އާންމުންގެ ތިން މީހުން ކަމަށް އެ އަވަށުގެ ފުލުހުން ބުނެއެވެ.