ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޑިއާގެ ކޮޗިންގައި "ތާށިވެފައި" ތިބި ދިވެހިންނަށް އަދިވެސް ފުރޭނެ ގޮތެއް ނެތި، އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިއްޖެއެވެ.
ކުޑަކުދިންނާއި ބަލި މީހުން ވެސް ހިމެނޭ ގޮތަށް، 70 ވަރަކަށް ދިވެހިން ނު ފުރި އެއަރޕޯޓުގައި ތާށިވެފައި ތިބި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ހުކުރު ދުވަހު މެންދުރުން ފެށިގެން އެއަރޕޯޓުގައި ތާށި ވެފައި ތިބި ދިވެހިން ތިބޭނެ ތަނެއް ހަމަޖައްސައި ދެވުނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ދަތުރުވެރިއަކު ބުނީ އެއާލައިނުން އެ މީހުންނާއި ދޭތެރޭ ކަންތައް ކުރަމުން ދަނީ ވަރަށް ގޯސްކޮށް ކަމަށެވެ. "އެ މީހުން ފޯނަށް ޖަވާބު ދިނުމަށް ފަހު، އަޅުގަނޑުމެން ވާހަކަ ދެއްކީމަ ޖަވާބުދާރީއެއް ނުވޭ. މިއީ ދެން ކިހާ ދެރަކަމެއް،" އޭނާ ބުންޏެވެ.
އެއާލައިނުން އެ މީހުންގެ ގާތުގައި ބައި ގަޑިއިރު ފަހުން ފުރޭނެ ވަގުތެއްގެ ޔަގީންކަން ދޭނެ ކަމަށް ބުނެ އަދިވެސް ފުރޭނެ އިރެއް ބުނެފައި ނުވާ ކަމަށް ވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ދަތުރުވެރިޔާ ވަނީ ބުނެފައެވެ. އެ ދަތުރުވެރިޔާ ވަނީ އިންޑިއާގައި ހުންނަ ދިވެހި ކޮންސުލޭޓްގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ ކަމަށާއި ފޯނުން ގުޅުމުން ޖަވާބުދާރީ ވެސް ނުވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
އެކަމާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ އެކޮޅުގެ އެއާޕޯޓާއި ސްރީލަންކަން އެއާލައިންއާ މުއާމަލާތުކޮށް، ދަތުރުވެރިންގެ ހަބަރުތައް ބަލުމުންދާ ކަމަށެވެ.
އެއާލައިނުން އެ މީހުންނަށް އަޅާ ނުލާ ކަމަށް ދަތުރުވެރިން ތުހުމަތު ކުރާއިރު، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފްލައިޓަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ދަތުރުވެރިއަކަށް ފުރެން ދެން އެމީހަކަށް ކެއުމާއި، ބުއިމާއި ހުންނާނެ ތަނެއް ހަމަޖައްސައި ދިނުން އެއީ އެއަރލައިނުގެ މައްޗަށް ލާޒިމް ކަމެކެވެ.
ސްރީލަންކަން އެއާލައިންގެ ފްލައިޓަކަށް މައްސަލަ ދިމާވެ، އެ ފްލައިޓުން ދަތުރު ކުރަން އުޅުނު މީހުން ނުފުރި ކޮޗިންގައި ތާށިވެފައިވާ މައްސަލާގައި މިހާތަނަށް އެ އެއާލައިނުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.