ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓުތަކުގައި ހުރި ފައިސާ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ފްރީޒް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީން ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅުއްވާފައިވާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
ފުލުހުން ބުނީ ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅުއްވާފައިވާ، ޝައްކުކުރެވޭ މާލީ މުއާމަލާތްތަކުގެ ރިޕޯޓްތަކާއި، މައްސަލަތަކާއި ގުޅިގެން ހިންގަމުންދާ ތަހްގީގުގެ ބޭނުމަށްޓަކައި ސާފުކުރެވުނު މައުލޫމާތުތަކުން، ރައީސް ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން މިހާތަނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެފައިސާއިން މުއާމަލާތު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރަށް ފުލުހުން ބުނީ މިމައްސަލައިގެ ތަހްގީގު ކުރުމަށް އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން ދިވެހި ފައިސާއިން ޖުމްލަ 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ފްރީޒް ކުރެވިފައިވާ ކަމަށެވެ.
100 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު، ނުކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިޚާބުގެ ކެންޕޭނަށް ބޭނުން ކުރި ފައިސާގެ އެކައުންޓުގައި ހުންނާނީ 20 ކަ މިލިއަން ރުފިޔާ ކަމަށެވެ.
މިމައްސަލަތަކާއި ގުޅިގެން މިއަދުގެ ތަހުގީގުގައި ރައީސް ޔާމީންއާ ކުރެވުނު ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވައި ކުރިއަށް އޮތްތާގައި ވެސް ތަހުގީހަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުންގެ މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފުލުހުންގެ މިމައްސަލައިގެ ތަހުގީގާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.