ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ހަވާލުކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރުގެ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުން ވެސް ރައީސް ޔާމީންގެ ސަރުކާރުން ވެސް އައު ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ޙާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެވަނަ ހެލިކޮޕްޓަރު ގެނައުމުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއި ކުރެއްވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި، ރައީސް ޔާމީން ކަމަށެވެ.
މި ބަޔާނުގައި ދެ ހެލިކޮޕްޓަރުގެ ބޭނުން ވެސް ވަރަށް ރަނގަޅަށް ހިފޭ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާއިން ހަވާލުކުރެވުނު ދެ ހެލިކޮޕްޓަރު ބޭނުންކޮށްފައި ވަނީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ބަލި ހާލަތުގައި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމާއި، ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުން ފަދަ ކަންކަމަށެވެ. އަދި މިހާތަނަށް 151 ބަލި މީހުން އުފުލުމަށާއި 50 ސާރޗް އެންޑް ރެސްކިއެގެ އޮޕަރޭޝަނެއްގައި މި ހެލިކޮޕްޓަރުތައް ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން މިހެން ބަޔާން ނެރިފައިވާ އިރު، ރައީސް ޔާމީންއާއި ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ވަނީ މި ހެލިކޮޕްޓަރުތަކަކީ ބޭކާރު، ބޭނުން ނުހިފޭ އެއްޗެހިތަކެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްވާފައެވެ. އަދި މި ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ޔާމީން ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި ވެސް ވެއެވެ.