ރައީސް އިބުރާހިމް މުހައްމަދު ސޯލިހު އާދިއްތަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިޖެއެވެ.
ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ފުރާމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރު ފުޅުގައި ދެގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުން ތަކެއްގައި ސޮއިކުރެވިގެންދާނެއެވެ.
އެގޮތުން އައު ވިސާ އެގްރީމެންޓްގައި އެމަނިކުފާނު ސޮއިކުރައްވާނެއެވެ. މިކަމުގެ ސަބަބުން މިހާރު ކިޔަވާ ކުދިންނާއި އަދި ބެލެނިވެރިންނަށް ވަމުންދާ އުނދަގުލަށް ވަރަށް ބޮޑަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރިން މައުލޫމާތުދެއްވައެވެ. މީގެއިތުރުން އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ 200 މިލިއަން އެމެރިކާޑޮލަރުގެ އެއްބަސް ވުމުގައި ސޮއިކުރައްވާނެއެވެ.
ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރާމްނާތު ކޮވިންދާއި، ނާއިބު ރައީސް އާއި، އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖް އާއި ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެގައުމުގެ މަތީފަންތީގެ ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ހުންނަވާނީ އިންޑިއާގެ ރިޔާސީގަނޑުވަރު "ރާޝްތްރަޕަތީ ބަވަން" ގައެވެ. އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދު ވެސް ދިރިއުޅުއްވަނީ މި ގަނޑުވަރުގައެވެ.
ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ބާއްވާ ރަސްމީ ހަރަކާތްތަށް ފެށިގެން ދާނީ 17 ޑިސެމްބަރު ވާ ހޯމަ ދުވަހުގެ ހެނދުނު އިންޑިއާ ގަޑިން 10.00 ގައި ރިޔާސީ ގަނޑުވަރު "ރާޝްތްރަޕަތީ ބަވަން" ގައެވެ.