ނިމިދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބަށް ބޭނުން ކުރެއްވި ކަމަށް އިލެކްޝަންސް ކަމިޝަނަށް ހުށަހެޅުއްވީ 22.5 މިލިއަން ރުފިޔާ ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި 22.5 މިލިއަން ރުފިޔާ ބޭނުން ކުރެއްވިކަން ތަފްސީލާއެކު ރައީސް ޔާމީން އިލެކްޝަންސް ކަމިޝަނަށް ވަނީ ހުށައަޅުއްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތު ކުރެވެމުންދާއިރު ފުލުހުންގެ އިދާރާއަށް ހޮނިހިރު ދުވަހު ހާޒިރުވެވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރެއްވި ފައިސާގެ އަދަދު ވިއްސަކަށް މިލިއަނަށްވުރެ އިތުރު ނުވާނެކަމަށެވެ.
"ގާނޫނުގައި ހުއްދަކުރޭ އިނގޭތޯ 400 ބިލިއަނާއި ހަމައަށް ޚަރަދުތައް ކުރަން. އެއީ މިހާރު މިއޮތީ ބޮލަކަށް ދެހާސް ދެލައްކަ ވިހިހާސް މީހުން އެބައުޅޭ ވޯޓުލާ މީހުން. އެއަދަދަށް ބަލައިފިއްޔާ 400 މިލިއަން. ދެން ތިބޭފުޅުންނާއި މީޑިއާގެ ބޭފުޅުންނާއި ދިވެހި ރައްޔިތުން. ގަބޫލުފުޅުކުރައްވަބައްލަވާ. ރިޔާސީ އިންތިޚާބެއް ނިންމޭނެތޯ ވިއްސަކަށްމިލިއަން ރުފިޔާއިން. އެހެންވީމަ އެއީ ބޮޑއަދަދަކަށް ވާންޖެހޭކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ އިނގޭތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަން ކަމާބެހޭ ގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޮޑިޓަރު، އޮޑިޓް ކުރުމަށްފަހު އެ އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓް ހުށަހަޅަންވާނެ ކަމަށެވެ. އަދި މިގޮތުން ހުށަހަޅާ އޮޑިޓް ރިޕޯޓް އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންވާނެ ކަމަށެވެ.
އިންތިޚާބުގެ ތެރޭގައި ކެމްޕޭން ދަތުރުތައް ކުރުމަށް ޤައުމީ އެއާލައިން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް އެކަނިވެސް 4.8 މިލިއަން ރުފިޔާ ޕީޕީއެމުން ވަނީ ޚަރަދު ކޮށްފައެވެ.