އެ މަނިކުފާނުގެ މައްޗަށް ފުލުހުން ތުހްމަތެއްކޮށްފައި ނުވާ ކަމަށާއި ހާޒިރުކުރެއްވީ އެކައުންޓަށް ޖަމާކުރި ފައިސާއާބެހޭ ގޮތުން މައުލޫމާތު ސާފުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މައި އިދާރާއަށް އެ މަނިކުފާނު ހާޒިރުކޮށް ސުވާލުކުރުމަށް ދޮޅުގަޑިއިރު ހޭދަވި އެވެ. އެއަށް ފަހު ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ފުލުހުން ސުވާލުކުރީ އެމަނިކުފާނުގެ ކެމްޕެއިން އެކައުންޓަށް ޖަމާކުރި ފައިސާ އާއި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހްމަތުކުރެވޭ 1 މިލިއަން ޑޮލަރެއް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގައި ކަމަށެވެ.
ކެމްޕެއިން އެކައުންޓަށް ޖަމާކުރި ފައިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވި ކަމަށާއި، އިސްލާމިކް ބޭންކްގެ އެކައުންޓަށް ޖަމާކުރި 1 މިލއަން ޑޮލަރުގެ މައްސަލައަކީ އޭސީސީން ނިންމާފައިވާ މައްސަލައެއް ކަމަށް ޕޮލިހަށް ދެންނެވި ކަމަށެވެ.
ކެމްޕެއިން އަށް ޚަރަދުކުރީ ކިހާ އަދަދެއްގެ ފައިސާއެއްތޯ އެކައުންޓުގައި މިލިއަން ރުފިޔާއިން ފައިސާ ހުންނާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޔާމީން ފުރަތަމަ ވިދާޅުވީ "ނޫން ނޫން މިލިއަން ތަނެއް ނޫޅޭނެ" ކަމަށެވެ. ނަމަވެސް، ކެމްޕެއިންގައި ހަރަދު ކުރެވިފައި ހުންނާނީ ވިއްސަކަށް މިލިއަން ރުފިޔާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މީޑިއާގެ ބޭފުޅުންނާއި ދިވެހި ރައްޔިތުންގެ ތެރެއިން ގަބޫލުކުރައްވަ ބައްލަވަ، ރިޔާސީ އިންތިޚާބެއް ހިންގައި ނިންމޭނެތޯ ވިއްސަކަށް މިލިއަން ރުފިޔާއިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ވިއްސަކަށް މިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ނޫން ކަމަށް ދޭހަކޮށް ދެއްވުމުގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ އިންތިޚާބުތަކާބެހޭ ގާނޫނުތައް ބުނާ ގޮތުން 400 އަށް ވުރެ ގިނަ ރުފިޔާ ރިޔާސީ އިންތިޚާބަށް ހަރަދު ކުރެވޭނެ ކަމަށެވެ.