ވެރިކަމުގައި ހުންނަވައި ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކުގެ ތަހްގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮނިހިރު ދުވަހު ފުލުހަށް ހާޒިރުވެ ވަޑައިގެންފިއެވެ.
މިއަދު 2:00 ގައި ޔާމީން ޕޮލިހަށް ހާޒިރުވެވަޑައިގަތުމަށް ނިންމާފައި އޮތީ އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ހިންގަވާފަ އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ މަނިކުފާނު ހައްޔަރުކުރަން ގޮވާލައި މުޒާހަރާއަށް ނުކުތުމުން ޕޮލިހަށް ވަޑައިގަތީ ކާރުކޮޅުގަ އެވެ.
ޔާމީން ފުލުހުންގެ މައި މަރުކަޒުގައި ހުންނެވިއިރު، ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުން މިހާރު ތިބީ ބޮޑުތަކުރުފާނު ބޭންކު އޮފް މޯލްޑިވްސް ކައިރީގަ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544863237.jpg)
އެމްޑީޕީގެ މެމްބަރުން ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލަމުންދާއިރު، ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުން ދަނީ ސަރުކާރުން ޔާމީން ހައްޔަރުކުރަން ބޭނުންވި ނަމަވެސް އެ މަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓޭނެ ޖަލެއް ނުހުންނާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހާޒިރުކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.