ވެރިކަމުގައި ހުންނަވައި ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވެވަޑައިގަންނަވާ ވަގުތާ ދިމާކޮށް، އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ވެސް މަގުމައްޗަށް ނުކުމެ އަޑުއުފުލަން ފަށައިފި އެވެ.
ޔާމީން ޕޮލިހަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ މެންދުރު 2:00 އަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/1544863552.jpg)
ރައީސް ޔާމީނާއެކު "ވީ އެއްޗެއްވާން" ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އެ ޕާޓީގެ އޮފިސް ކުރިމައްޗަށް އެއްވެފައިވާއިރު، އެމްޑީޕީގެ ސަޕޯޓަރުން އެއްވޭ، ޕީޕީއެމް އޮފީހާއި ގާތްގަނޑަކަށް ދެތިން ސަތޭކަ ފޫޓް ދުރުގައި ހުރި އެމްޑީޕީގެ ހަރުގެ އަށެވެ.
އެމްޑީޕީގެ ހަރުގެ ކުރިމައްޗަށް އެއްވެތިބެ، ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް ޖަމާވެ އަޑުއުފުލަން ވެސް ފެށި އެވެ.
ސުލުހަވެރިކަމާއެކު ދެ ޕާޓީން އެއްވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން އަމަލުކުރި ގޮތަށް މިއަދުގެ އެއްވުންތައް ރޫޅާލުމަށް ފުލުހުން އަމަލުކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީން ހިންގަވާފައި ޕޮލިހަށް ވަޑައިގަތުމަށް ނިންމާފައި އޮތަސް، މީހުން އެއްވުމުން އެ މަނިކުފާނު ޕޮލިހަށް ވަޑައިގަންނަވާނީ ކާރުކޮޅުގައި ކަމަށް، އެ މަނިކުފާނުގެ ހަބަރުތައް ގެނެސްދޭ ޗެނަލް 13 ގައި ވަނީ ބުނެފަ އެވެ.