ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރެވިފައިވާ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ ހޮނިހިރު ދުވަހު މެންދުރު 2 ޖަހާއިރަށެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން ޕޮލިހަށް ހާޒިރުކުރަނީ ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި ރައްޔިތުންގެ މާލިއްޔަތުން ނުހައްގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް ކަމަށާއި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ. އަދި ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިންގާނެ ކަމަށާއި ތުހުމަތުތަކަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
Rayyithunnah libifaivaa aniyaathakah insaafuhodhumaai, rayyithunge maaliyyathun nuhaqqumagun gellifaivaa mussandhikan anburaahodhumakee bodu amaazeh.
— Imran Abdulla (@ShimranAb) December 15, 2018
Qaanoonge kurimatheega emmen hamahamavaane.
Qaanoonge baaru emmenge machah hingaane.
Thuhumathuthakah jawaabdhaareevaan jeheyne!
ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެކައުންޓަށް ފައިސާ ވަދެފައިވާ މައްސަލާގައި ކަމަށް އެމަނިކުފާނު ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާ އެއްމިލިއަން ޑޮލަރު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ އެކައުންޓަކަށް ވަނީ ޖަމާކޮށްފަ އެވެ.
ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާފައިވާ މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނި ވަޑައިގަންނަވައެވެ. އިމްރާނަށް ބާރަ އަހަރުގެ ޖަލު ހުކުމް އިއްވިއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.