ބަޖެޓް ސަޕޯޓަށް އިތުރު 200 މިލިޔަން ޑޮލަރު ލިބިގެން ނޫނީ ދައުލަތުގެ މުވައްޒިފުންނަށް މިމަހުގެ މުސާރަ ނު ދެވޭނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ހޯމަ ދުވަހު ފައްޓަވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން، "މިހާރު" އަށް ދެއްވި އިންޓަވިއު އެއްގައި ޝާހިދު ވިދާޅުވީ ބަޖެޓަށް ގާތްގަނޑަކަށް އިތުރު 200 މިލިއަން ޑޮލަރު ލިބިގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށާއި، އެހެންވެ، އިންޑިއާ އިން 200 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައަކަށް ވައްޓާލާފައި ކަމަށެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓް އަދި ކޮންސެޝަނަލް ލޯނު ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިނުކުރި ނަމަވެސް އެ ގައުމުން އެކަމަށް އެއްބަސްވާނެ ކަމަށެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ލޯނުތައް ދޭނީ "ވަރަށް ރަނގަޅު" އިންޓަރެސްޓް ރޭޓެއްގައި ކަމަށެވެ. އެކަމަކު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ތަންތަނުން ލޯނުތައް ނަގާފައި ވަނީ ކޮމާޝަލް ރޭޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފައިސާ ބޭނުންކޮށްގެން، ފަސާދައިގެން ބޮޑެތި ކަންތައްތަކެއް އެ ފައިސާ ބޭނުންކޮށްގެން ހިންގާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގިނަ ލޯންތަކެއް ނަގާފައިވާ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވާއިރު، ބުރާސްފަތި ދުވަހު އޮތް މާލިއްޔަތު ކޮމިޓީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގިނަ ލޯނުތަކެއް ނަގާފައި ވާއިރު، އެ ލޯންތަކުގެ ދިރާސާ ރިޕޯޓް ކޮމިޓީއަށް ހުށަހަޅާފައި ނުވާތީ، އެ ރިޕޯޓް ފިނޭންސް މިނިސްޓްރީން ހޯދުމަށް ފާސްކޮށްފައެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއްގެ ދިރާސާ ރިޕޯޓް މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ފޮނުވާފަ އެއް ނުވެއެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުން އެއްވެސް ދަރަންޏަކަށް ފާއިސާ ނަގަން ވާނީ ނުވަތަ ގެރެންޓީ އެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީ އެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހުގައެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގިނަ ލޯންތަކެއް ނަގާފައިވާއިރު، އެ ލޯންތަކުން ދައުލަތަށް އިގްތިސާދަށް ކުރާނެ ފާއިދާގެ އެއްވެސް ދިރާސާ އެއް ކޮށްފައި ނުވާތީ، ކޮމިޓީގެ މެމްބަރުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.