ރާއްޖެޓީވީގެ އަށް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކިޔުއްވައިފިއެވެ.
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެޓީވީގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސްޓޭޝަންގެ ވެރިންނާއި ހުރިހާ މުއައްޒަފުންނަށް ތަހުނިޔާ ދަންނަވާކަމަށެވެ. ވަރަށް ދަތި ހާލުގައި ވެސް މިނިވަން ނޫސްވެރިކަން ރާއްޖޭގައި ދަމަހައްޓަން ރާއްޖެޓީވީން ކެނޑިނޭޅި ކުރަމުންގެންދިޔަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވާކަމަށް ރައީސް ސޯލިހުގެ ތަހުނިޔާގައި ވިދާޅުވެފައި ވެއެވެ.
RaajjeTV ge 8 vana aharee dhuvahuge munaasabathugai station ge verinnai hurihaa muvazzafunnah thahniyaa dhannavan. Varah dhathi undhagulugai ves minivan noosverikan rajjeygai dhamahattan @Raajje_tv in kendineylhi kuramun gendhiya masaiykathah assaribahaai saabas.
— Ibrahim Mohamed Solih (@ibusolih) December 15, 2018
އިންތިޚާބުން ކާމިޔާބުވެވަޑައިގެން ވެރިކަމަށް ހުވާކުރެއްވުމުގެ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭ ރައީސް ސޯލިހު ވަނީ ރާއްޖެޓީވީއަށް ވަޑައިގެން ސްޓޭޝަނުގެ މުއައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން އޮތުމަކީ އަބަދުވެސް ދެކިވަޑައިގެންނެވި ހުވަފެނެއް ކަމަށާއި ނޫސްވެރިކަމުގެ އެންމެ ބިރުވެރި ދުވަސްވަރު އެކަމުގެ ތެރޭގައި ހަރަކާތްތެރި ވެވަޑައިގަތުމުން އެކަމުގެ ނުރައްކާ ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާ ކަމަށެވެ.
ނޫސްވެރިކަމުގެ ބިރުވެރިކަން ތަޖުރިބާކުރި އެއްތަނަކީ ރާއްޖެޓީވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ވެސް ހުޅުވާލަނީ ރާއްޖެޓީވީ ކަމަށާއި އެމަނިކުފާނު ބައްލަވާ ޗެނަލަކީ ރާއްޖެޓީވީ ކަމަށް ވިދާޅުވިއެވެ.
ރާއްޖެޓީވީގެ ޚިދުމަތް ފަށާފައިވަނީ 15 ޑިސެމްބަރު 2010 ވަނަ އަހަރުއެވެ.