މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ އިންތިޚާބު ބާއްވަނީ އެ ކައުންސިލުގައި ހިމެނޭ 13 މެމްބަރުންގެ މުއްދަތު ޑިސެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އާއި އެހެން މެމްބަރެއްގެ މުއްދަތު އޮގަސްޓްމަހު ހަމަވެފައިވާތީ ކަމަށެވެ.
ޖުމުލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކައުންސިލަށް މިއަދު އިންތިޚާބު ކުރަނީ ނޫސްވެރިންގެ ތެރެއިން ހަތް ފަރާތަކާއި، އާންމުންގެ ފަރާތުން ހަތް ފަރާތެކެވެ.
މީޑިއާ ކައުންސިލްގެ އިންތިޚާބު އޮންނާނީ މިއަދު 14:00 އިން 15:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހުންނަ، ވެލާނާގޭގެ އެއް ވަނަ ފަންގިފިލާގަ އެވެ.
މީޑިއާ ކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލުގެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.