ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސް މަހާސިންތާ މި މަހު 29 ގައި ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އއ. ރަސްދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސް އަކަށް ދައުވަތު ދީގެން މަހާސިންތާ އެއް ބާއްވަން ނިންމީ އެ ދާއިރާގައި އުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އޮޅުން ފިލުވައި ހައްލު ހޯދައި ދިނުމަށް ކަމަށެވެ.
އެ މަހާސިންތާގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކުރެވޭނެ ކަންކަމާބެހޭ ގޮތުންނާއި ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް، ޕްރޮމޯޓް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ހިޔާލު ހޯދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފަހުގެ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާއެކު ބޭއްވޭ އެންމެ ބޮޑު ބައްދަލުވުމަށް އެ މަހާސިންތާ ވެގެންދާނެ ކަމަށެވެ.