ރައީސް އަބްދުﷲ ޔާމީން ޕޮލިހަށް ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްއިން އިއުލާނުކުރުމާއެކު، އެ މަނިކުފާނާ ދެކޮޅަށް އެމްޑީޕީން ހޮނިހިރު ދުވަހު މުޒާހަރާކުރަން ނިންމައިފި އެވެ.
އެމްޑީޕީން ކުރި ޓްވީޓްއެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ކޮށްފައިވާ ކަމަށް ތުހްމަތުކުރާ ވައްކަންތައް އޭނާއަށް ހަނދާންކޮށް ދޭން ދިވެހި ރައްޔިތުން ހޮނިހިރު ދުވަހު މެންދުރު 1:00 އަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް ކުނުކުތުމަށެވެ.
Raees Yameen kohfaivaa vakkanthah eynaa ah handhaan kohdheyn Dhivehi Rayyithun maadhama (15/12) mendhuru 1:00 ah MDP Haruge kurimachchah nukume vadaigendhevvun edhen.
— MDP Secretariat (@MDPSecretariat) December 14, 2018
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ނިންމާފައިވަނީ ގާނޫނާ ޙިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގެ ތަހުގީގަށް ހޮނިހިރު ދުވަހުގެ 14:00 އަށެވެ. ޕީޕީއެމްއިން ބުނެފައިވާ ގޮތުގައި އެ މަނިކުފާނު ސަޕޯޓަރުންނާއެކު ޕޮލިހަށް ވަޑައިގަންނަވަން ނުކުންނަވާނީ ޕީޕީއެމްގެ އޮފީހުންނެވެ. ޕީޕީއެމް އޮފީހާއި އެމްޑީޕީގެ ހަރުގެ ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ވަރަށް ކައިރީގަ އެވެ.
ރައީސް ޔާމީން ސަރުކާރުގެ ލީގަލް އެފެއަރޒް މިނިސްޓަރު އާޒިމާ ޝުކޫރު ފޭސްބުކްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހާޒިރު ކުރެވެނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ މަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައި ވާތީ އެ މައްސަލަ ބެލުމަށް ކަމަށެވެ. އާޒިމާ ވަނީ އެ އެކައުންޓަކީ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ޑިކްލެއަރ ކުރެއްވި އެކައުންޓެއް ކަމަށް ވެސް ވިދާޅުވެފައެވެ.