މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ޝިކާރައަކަށް ވަނީ ދިވެހި ރާއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕޮލެންޑްގައި ބޭއްވި އދ. ގެ މޫސުމާއި ބެހޭ ކޮންފަރެންސް، ކޮޕް24 ސަމިޓްގައި ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަމުގެ އެންމެ ފުރަތަމަ ޝިކާރާއަކަށް ވަނީ ދިވެހިރާއްޖެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުން މުހިއްމު ކަމަށާއި، އެގޮތުން އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމަކަށް ރާއްޖެ ތައްޔާރު ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލު ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމާއި ބެހޭ ކޮންފަރެންސް ގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާތާ 10 އަހަރުވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް މާބޮޑު ހައްލެއް އައިސްފައިނުވާ ކަމަށެވެ.